Last Updated: August 15, 16:19
Saturday, August 15, 2020
ދުނިޔެ

އިންޑިއާގައި 24 ގަޑިއިރު ތެރޭ 50،000 މީހުން ޕޮޒިޓިވް، 700 މަރު

އިންޑިއާ އިން މިދިޔަ 24 ގަޑިއިރުތެރޭގައި އެކަނި 50،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި މިދިޔަ 24 ގަޑިއިރުތެރޭ އެކަނި އެގައުމުން ވަނީ 52،123 މީހުން ބައްޔަށް ޕޮޒިޓިވްވެ، 775 މީހުން މަރުވެފައެވެ. އިއްޔެ އަކީ އެއް ދުވަސްތެރޭ އިންޑިއާ އިން އެންމެ ގިނަ އަދަދަކަށް މީހުން މި ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.

މި އަދަދުތަކާއެކު އިންޑިއާ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1.6 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 34،000 އަށް ވުރެ މައްޗަށް އަރާފައެވެ.

އިންޑިއާ މިހާރު ވެފައިވަނީ މުޅި ދުނިޔެ އިން ވެސް ތިންވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވި ގައުމަށެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވީ ބްރެޒިލް އިން ކަމަށްވާއިރު، މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާ އިންނެވެ.

އިންޑިއާގެ ހާލަތު ގޯސްވަމުންދާއިރު ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވިގެން ރިޕޯޓުކޮށްފައިވަނީ އިންޑިއާގެ ފަސް ސްޓޭޓަކުންނެވެ. އެއީ މަހާރަޝްތްރާ އާއި އަންދްރަ ޕްރަދޭޝް އާއި ޓެމިލް ނާޑޫ އާއި ކަރްނާޓަކާގެ އިތުރުން އުއްތަރް ޕްރަދޭޝް އިންނެވެ.