Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

އައްޑޫ އަށް ނިސްބަތްވާ ޕައިލެޓަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ސަނޫން - ފޮޓޯ: އޭވިއޭޝަން މޯލްޑިވްސް

އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ ޒުވާން ޕައިލެޓަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އެގޮތުން ރޭގެ ވަގުތެއްގައި ނިޔާވެފައިވަނީ ސ. ހިތަދޫ ކޯޒްވޭ ވިލާ، ސަނޫން ނަސީރު 35، އެވެ. ސަނޫން އަކީ ފްލައިމީގައި މަސައްކަތް ކުރަމުންދިޔަ ޒުވާނެކެވެ. ސަނޫން ދިރިއުޅެމުން އަންނަނީ ހުޅުމާލޭގައެވެ.

ސަނޫންގެ އާއިލާ މެމްބަރުންނާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ދިރިއުޅޭ ގޭގެ ދޮރު ހުޅުވި އިރު ސަނޫން އޮތީ ގޭ ދޮރުމައްޗަށް ވެއްޓިފައެވެ. އެގޮތުން އޭރު ވެސް ސަނޫން އޮތީ މަރުވެފައި ކަމަށް އާއިލާ މެމްބަރުންނާ ހަވާލާދީ މީޑިޔާތަކުގައި ބުނެފައިވެއެވެ.

ސަނޫންގެ ހަށިގަނޑު ހުޅުމާލޭ ހޮސްޕިޓަލުގައި ބާއްވާފައިވާއިރު، މި ދުވަސްވަރު މަރުވާ އެންމެން ވެސް ކޮވިޑަށް ޓެސްޓު ކުރާތީ އޭނާ ވެސް އެ ބައްޔަށް ޓެސްޓު ކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރޭ މެންދަމު 3:30 ހާއިރު ހުޅުމާލޭ ފްލެޓެއް ކައިރީގައި މީހަކު ހޭނެތިގެން ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.