Last Updated: March 28, 17:07
Thursday, March 28, 2024
ޚަބަރު

ރިސޯޓުތަކުގެ މުވައްޒަފުން ރަށަށްދާނަމަ 14 ދުވަހަށް ކަރަންޓީން ވާންޖެހޭނެ

ފަތުރުވެރިން ތިބޭ ރިސޯޓުތަކުގެ މުވައްޒަފުން ރަށަށްދާނަމަ 14 ދުވަހަށް ކަރަންޓީން ވާންޖެހޭނެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު ގިނަ ރިސޯޓުތަކެއްވެސް ހުޅުވައި ހިދުމަތްދޭން ފަށާފައިވާ ކަމަށާއި ރިސޯޓަކުން މުވައްޒަފަކު އަތޮޅުތެރެއަށް ދާ ނަމަވެސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

"ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކުވެސް އެއްވެސް ކަމެއް ދިމާވެގެންވިޔަސް އަތޮޅުތެރެއަށް ނުވަތަ ރަށަކަށް ދާ ނަމަ ކަރަންޓީންވާން ޖެހޭނެ. އެ ފަރާތްތަކުންވެސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ" ނަޒްލާ ވިދާޅުވިއެވެ.

ހޯމް ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަހަށްފަހު ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުންނެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން މިހާތަނަށް ރާއްޖެ އައި ފަތުރުވެރިއެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކުއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު ގައިދުރު ކަމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.