Last Updated: April 16, 17:11
Tuesday, April 16, 2024
ޚަބަރު

ދަނގެތީގެ ރައްޔިތުން ބޭނުން ކުރުމަށް 14،000 މާސްކު ނާޒިމް ހަދިޔާކޮށްފި

މުހައްމަދު ނާޒިމް - ފޮޓޯ: މަޖިލިސް

ކޮވިޑް-19 އާއި ގުޅިގެން ދަނގެތީގެ ރައްޔިތުން ބޭނުން ކުރުމަށް 14،000 މާސްކު އެ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ހަދިޔާކުރައްވައިފިއެވެ.

ނާޒިމް ވިދާޅުވީ ކޮވިޑާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އޭނާ ތަމްސީލު ކުރާ ދަނގެތި ދާއިރާގެ ސްކޫލް ދަރިވަރުންނާއި އަދި ރައްޔިތުން ހިމެނޭ ގޮތުން ބޭނުން ކުރުމަށް 14،000 ރިޔޫސަބަލް ފޭސް މާސްކު ހަދިޔާކޮށްފައިވާ ކަމަށެވެ.

ނާޒިމް މި ތަކެތި ހަދިޔާކޮށްފައިމިވަނީ ކޮވިޑް-19 ފެތުރުން އަނެއްކާވެސް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން ވެސް މަޖުބޫރުކޮށްފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް ބޮޑުތަނުން އިތުރުވާން ފަށާފައިވާއިރު، އިއްޔެ އެކަނި ވެސް ރާއްޖެއިން ވަނީ 215 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއީ ރިކޯޑު އަދަދެެއް ކަމަށްވާއިރު އޭގެތެރެއިން 149 މީހުންނަކީ ދިވެހިންނެވެ.

އިއްޔެ މި ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބައްޔަށް ފަރުވާދޭން ޖެހިފައިވާ މީހުންގެ އަދަދު މިހާރު 1400 އަށް ވުރެ މައްޗަށް އަރާފައިވާއިރު މީގެތެރެއިން 84 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެޗްޕީއޭ އިން ވަނީ 30 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅޭ ހަރަކާތްތައް ބޭއްވުން މަނާކޮށްފައެވެ.