Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ކޮމިޓީން ނިންމައިފި

މުހައްމަދު މައުސޫމް - ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު އޭނާ ވަކިކުރަން އެ ކޮމިޓީން ވެސް ނިންމައިފިއެވެ.

މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ނިންމައި ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުުގެ ތިންބައި ކުޅަ ދެބައިގެ މެޖޯރިޓީންނެވެ.

ޖޭއެސްސީން ބުނީ މައުސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި މައުސޫމް ރިޝްވަތު ނަގާފައިވާ ކަމާއި، ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އަދި މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، މައުސޫމްގެ ބޭންކު އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒު ގޮތުގައި ހޯދާފައިވާކަން ފައިސާކަން ސާބިތުވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މެދު ހިތާވެފައިވާ ކަމާއި، މައުސޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ތަހުގީގަށް ސާބިތުވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

މެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް އަމަލުކޮށްފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން މައުސޫމް ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.