Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އެމްޑީޕީގެ ބޭފުޅުން ވަޒީރުކަމަށް ގެނައުމަށް އިސްލާހެއް ހުށަހަޅައިފި

މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ކޯލިޝަނެއް ސަރުކާރެއްގައި ކުދި ޕާޓީތަކަށް ވަޒީރުކަމުގެ ފުރުސަތު ގެއްލި، އެ ފުރުސަތު އެމްޑީޕީ އަށް ލިބޭނެ ގޮތް ހެދުމަށް އެމްޑީޕީގެ އަސާސީ ގަވައިދަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ބޮންޑޭ ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން އެމްޑީޕީން ބައިވެރިވާ ކޯލިޝަން ސަރުކާރުގެ މިނިސްޓަރަކު ޖިންސީ ފުރައްސާރައި މައްސަލައެއް ނުވަތަ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތެއްގައި ވަކި ކޮށްފިނަމަ އެ މިނިސްޓަރަކު ނިސްބަތްވާ ޕާޓީއަށް ދެން އެ ސްލޮޓް ނުދެވޭނެ އެވެ.

އަދި ދެން އެ ސްލޮޓް ދެވޭނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މަދުވެގެން 50،000 މެމްބަރުން ހަމަވާ ޕާޓީއެއްގެ މެމްބަރަކަށް ކަމަށް ބޮންޑޭގެ އިސްލާހުގައި ބުނެފައިވެއެވެ.

މިހާރު އުފެދިފައިވާ ސަރުކާރު ކޯލިޝަނަށް ބަލާއިރު އެ އަދަދަށް މެމްބަރުން ހަމަވާ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ އެވެ. ކޯލިޝަނުގައި ދެން ހިމެނޭ އަދާލާތު ޕާޓީ އާއި އެމްއާރްއެމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ތެރެއިން 10،000 މެމްބަރުން ވެސް ހަމަވަނީ ހަމައެކަނި ޖޭޕީގައެވެ.

މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށްފަހު ދެން ވެސް އެ މަގާމު ދީފައިވަނީ ޖޭޕީގެ މެމްބަރަކަށެވެ. އެގޮތުން އެ މަގާމަށް މިހާރު އައްޔަން ކުރައްވާފައިވަނީ ޑރ.އަބްދުﷲ މައުސޫމް އެވެ.

ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ބައެއް ވަޒީރުންނަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން އާންމުކޮށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާއިރު ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެ ކަމަށްވެސް އިންޒާރު ދީފައިވެއެވެ.