Last Updated: April 24, 22:15
Wednesday, April 24, 2024
ޚަބަރު

ޓޫރިސްޓު ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ފަތުރުވެރިންނަށް ޙިދުމަތްދޭ ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން މަނާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަތުރުވެރިންނަށް ޙިދުމަތްދޭ ރިސޯޓްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުމާއި، ފަތުރުވެރިންނަށް ޙިދުމަތްދޭ އެއްވެސް ފެސިލިޓީއެއް ދިވެހިން ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި ވަކިގޮތެއް އަންގަންދެން މިގޮތަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ތަނަކަށް އަންގާފައެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލިއިރު މިހާތަނަށް ކޮވިޑަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ ދެ ފަތުރުވެރިއެކެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި ގުޅޭ ގައިޑްލައިނުގައިވާ ގޮތުން އެއާޕޯޓުން ފަތުރުވެރިންގެ ހުން ބެލުން ފަދަ ކަންކަން ކުރާނެ ކަމަށާއި އަދި އެގޮތަށް ސްކްރީން ކުރާއިރު، ކެއްސުމާއި ރޯގާ ޖެހިފައިވުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނަ ނަމަ އެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށެވެ. ޓެސްޓު ހަދާނީ އެ ފަތުރުވެރިއެއްގެ ޙަރަދުގައި ކަމަށްވެސް ގައިޑްލައިންގައިވެއެވެ.

އަދި ގްރޫޕަކާ އެކު އަންނަ ޓޫރިސްޓެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ މުޅި ގްރޫޕު ޓެސްޓު ކުރާނެ ކަމަށާއި މީގެއިތުރުން ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ރެންޑަމްކޮށް ވެސް ސާމްޕަލްތައް ނަގާނެ ކަމަށް ބުނެފައިވެއެވެ. މި ޓެސްޓުތަކަށް ހަރަދުކުރާނީ ސަރުކާރުންނެވެ.

އެއާޕޯޓުން ޓެސްޓުކުރާ ޓޫރިސްޓުންގެ ނަތީޖާ ލިބެންދެން ތިބެންޖެހޭނީ ޓްރާންސިޓް ފެސިލިޓީއެއްގައި އައިސޮލޭޓްވެގެން ކަމަށްވެސް ބުނެފައިވެއެވެ. މީގެއިތުރުން ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ތިބެންޖެހޭނީ މާސްކު އަޅައިގެން ކަމަށްވެސް ގައިޑްލައިނުގައި ބުނެފައިވެއެވެ.