Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޔާމީން ދައްކަވަންޖެހޭ ފަސް މިލިއަން ޑޮލަރު ހޯދުމަށް މީރާ އަށް އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ދައުލަތަށް ޖޫރިމަނާގެ ގޮތުގައި ދައްކަވަންޖެހޭ ފަސް މިލިއަން ޑޮލަރު ހޯދުމަށް އެޓަރނީ ޖެނަރަލް (އޭޖީ)ގެ އޮފީހުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އަންގައިފި އެވެ.

އޭޖީ އޮފީހުން މިއަދު ބުނީ އެ ފައިސާ ހަ މަސްދުވަހުގެ ތެރޭގައިމީރާ އަށް އަށް ދެއްކުމަށް އަންގާފައިވީ ނަަވެސް އެ މުއްދަތުގެތެރޭގައި ޔާމީންގެ ފަރާތުން އެ ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށް، ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ އެންމެހައި ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 188 ވަނަ މާއްދާގެ (ހ) ގައި، ދަޢުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ޙުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި، އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ޢަމަލުކުރާ އުޞޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އޭޖީ އޮފީހުން ބުނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތް ޖޫރިމަނާކޮށް ޙުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތަށްދައްކަންޖެހޭ ފައިސާ ހޯދާ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްޢޫލިއްޔަތެއް ކަމަށްވާތީ އެކަން ވާނީ އެ އިދާރާއާ ހިއްސާކުރެވިފައި ކަމަށެވެ.