Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

ޑރ.ނަޒްލާ ހޯމް ކަރަންޓީނުގައި

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ހޯމް އައިސޮލޭޝަނަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފިއެވެ.

ނަޒްލާ މިރޭ ވިދާޅުވީ އޭނާ ކޮންޓެކްޓް ވެފައިވާ އާއިލާ މެމްބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތީން ހޯމް ކަރަންޓީނު ވެފައިވާ ކަމަށެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށާއި ސިލްސިލާކޮށް ދެމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތައް ގެއިން ގެނެސްދެއްވާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

https://twitter.com/nazla_r/status/1294308525007441920

މާލެ ސަރަހައްދުގައި ކޮވިޑްގެ ނުރައްކާ އަނެއްކާވެސް ބޮޑުވެފައިވާއިރު، އިއްޔެ އެކަނި ވެސް މި ބައްޔަށް ރާއްޖެއިން ވަނީ 128 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 83 މީހުންނަކީ ދިވެހިންނެވެ.

އިއްޔެ މި ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބައްޔަށް ފަރުވާދޭން ޖެހިފައިވާ މީހުންގެ އަދަދު މިހާރު 2500 އަށް ވުރެ މައްޗަށް އަރާފައިވާއިރު މީގެތެރެއިން 156 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 22 މީހަކު މަރުވެފައެވެ.