Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ދީނީ އިލްމު ފެތުރުން އެންމެ ކުރިއަރާފައިވަނީ ދެކުނުގެ އަތޮޅުތަކުގައި

ދީނީ އިލްމު ފެތުރުން އެންމެ ކުރިއަރާފައިވަނީ ދެކުނުގެ އަތޮޅުތަކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ޝެއިޚް ހުސައިން ރަޝީދު އަހްމަދު ތަރުޖަމާ ކުރައްވާފައިވާ "ސަހީހުލް މުސްލިމް"ގެ ތަރުޖަމާއާއި ޝަރަހައިގެ 11 ވަނަ ބައި ނެރުއްވުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ތާރީހަށް އަދި ހަގީގަތަށް ބުރަވާއިރު ރާއްޖޭގައި ދީނީ އިލްމާއި މި ބާވަތުގެ އިލްމު ފެތުރުމުގައި އެންމެ ކުރިއަރާ، އެންމެ ސާބިތުކަމާއި ކާމިޔާބު ކަމާއެކީގައި އެކަން ކުރަމުން އައިސްފައިވަނީ ދެކުނުގެ އަތޮޅުތަކުގައި ކަމަށެވެ.

އެގޮތުން ހާއްސަކޮށް އައްޑޫ އާއި ފުވައްމުލަށް އަދި ހުވަދޫގައި މި މަސައްކަތް ކުރަމުން އަންނަކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އިސްލާމްދީން އައިސްފައިވަނީ އިލްމީ ގޮތުން ކަމަށާއި އެގޮތުން އިލްމު ފެތުރުމުގައި އިސްލާމީ ދަންނަ ބޭކަލުން ރާއްޖޭގެ އެކިއެކި ރަށްރަށުގައި ތިބެ ދަރިވަރުންނަށް ކިޔަވައި ދިނުމާއި އަދި އަމިއްލަ އަށް ކަންކަން ދެނެގަތުމުގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ހާއްސަ ގޮތެއްގައި އައްޑޫ މީދޫ ބޮޑު ފަނޑިޔާރު މަނިކުފާނާއި އެ ދަންނަ ބޭފުޅާގެ މީދޫގެ މަދަރުސާ އާއި އަދި ވާދޫ ދަންނަކަލޭގެފާނުގެ ވާދޫ މަދަރުސާ، މި ތަންތަނަކީ ދުނިޔޭގެ އެކި ތަންތަނުން މީހުން އިލްމު ހޯދަން އެ ތަންތަނަށް އައިސް ކިޔަވަން ތިބި ތަންތަން" ނަޝީދު ވިދާޅުވިއެވެ.

އައްޑޫ މީދޫ ކޯގަންނަގޭ ގަބުރުސްތާނު ބަލާލުމުން އެތަނުގައި އިސްލާމީ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން އައިސް އެތަނުގައި ދިރިއުޅެފައިވާ މީހުން ވަޅުލާފައިވާކަން ހާމަވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ވާދޫ މިސްކިތުގައި ވެސް މިކަން ވަރަށް ސާފުކޮށް އެނގިފައި އޮންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ޝައިހް ހުސެއިން ރަޝީދަކީ އައްޑޫގެ ދަރިކޮޅުން މިހާރު އެންމެ ފުޅާ ގޮތެއްގައި މި މަސައްކަތް ހިންގަމުން އަންނަ އެއް ބޭފުޅާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.