Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހިޔާލު ތަފާތުވިޔަސް އެމްޑީޕީ މެމްބަރުން ކަންކަން ހިތު އަޅައިގެން ނޫޅޭނެ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް - ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވާ ކަންކަން ހުރި ނަމަވެސް އެ ޕާޓީގެ މެމްބަރުންނަކީ އެކަންކަން ހިތުއަޅައިގެން އުޅޭނެ ބައެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިމިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ އެތެރެއިން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލައާއެކު އެމްޑީޕީގެ އެތެރޭގައި ބައިބައިވުން އުފެދިފައިވާއިރު ސޯޝަލް މީޑިއާގައި އެ ޕާޓީގެ އާންމު މެމްބަރުން އަންނަނީ ބަހުގެ ހަމަލާތައް ވެސް ބަދަލުކުރަމުންނެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވާ ކަންކަން އަބަދުވެސް ހުންނާނެ ކަމަށާއި އަދި އެކަމުގެ ތެރެއިން ދެވޭ ހަމަލާތައް އެ ޕާޓީގެ މެންބަރުން ހިތު އަޅައިގެން ނޫޅޭނެ ކަމަށެވެ.

އަދި އެމްޑީޕީއަކީ ތަފާތު ފިކުރުތަކާއި އެކު ކުރިއަށްދާ ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު ފަރާތްތަކަށް ނޭނގޭތީ އެކަމާ ހައިރާންވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ. ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ ސަބަބެއް މިހާތަނަށް އެކަމުގައި އުޅުއްވާ ބޭފުޅުން ހާމަކޮށްފައެއް ނުވެއެވެ.

މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރަން ފެށި ފުރަތަމަ ފަހަރެވެ.