Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ފަތާ ޓްރެކަކަށް ޔާމީން އެދިފައެއް ނުވޭ: ޖަމީލު

ރައީސް ޔާމީން -- ފޮޓޯ / އަވަސް

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވާއިރު މޫދަށް އެރުމުގެ ފުރުސަތު ދިނުމަށް ފަތާ ޓްރެކެއް ހަދަން އުޅުނު ނަމަވެސް އެއީ ޔާމީން އެދިވަޑައިގެން ކުރައްވާ ކަމެއް ނޫން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ޔާމީނަށް ފެތުމުގެ ފުރުސަތު ދިނުމުގެ ގޮތުން މާފުށީގައި ޓްރެކެއް ހެދުމަށް ނިންމާފައިވާކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ޖަމީލު ވިދާޅުވީ ޔާމީންގެ މައްޗަށް އެތައް ދައުވާތަކެއް އުފުލަމުންދާއިރު، ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވާ ޔާމީންގެ އަބުރު ކަތިލުމަށް މިނިސްޓަރު އިމްރާން ކުރައްވަނީ ނާތަހުޒީބު ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

"ރައީސް ޔާމީން ފަތަން ޓްރެކަކަށް އަދި އެހެން ކަމަކަށް ވެސް އެދިފައެއް ނުވޭ. އެންމެންނަށް ވެސް ލިބެންޖެހޭ ހައްގުތައް ލިބެންޖެހޭ" ޖަމީލު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާގައި ހޯމް މިނިސްޓަރު އިމްރާން އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅާއި ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ ޔާމީނަށް ފެތޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ރޭ ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މާފުށި ހިއްކަން ފެށުމުގެ ސަބަބުން މޫދަށް އެރެން އޮތް ތަނަށް ވަރަށް ބާރު އޮއިވަރެއް އަންނަ ކަމަށާއި އެކަން އެގޮތަށް އޮއްވައި އެތަނަށް މޫދަށް އެރެން ޔާމީނަށް ފުރުސަތު ދޭން ނުކުރެނޭކަން އިދިކޮޅު ފަރާތްތަކަށް މީގެކުރިން އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް އެތަނުގައި ކޮންމެވެސް ވަރެއްގެ ޓްރެކެއް ހަދާފައި އެ އިންތިޒާމު ހަމަޖައްސައިދޭނެކަން އިދިކޮޅު ފަރާތްތަކަށް އަންގާފައިވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"އެހެންވީމަ އެތަނުގައި މޫދަށް އެރެވޭނެ އިންތިޒާމު ހަމަޖައްސާނަމޭ، ކޮންމެވެސް ވަރެއްގެ ޓްރެކެއް ހަދާފައި. އެ އިންތިޒާމު ގާއިމުކޮށްދީފައި އެކަން ކުރާނަމޭ. އެކަން ކުރުމަށް މަސައްކަތް ފެށިތަނާ ލޮކްޑައުނަށް ގޮސްގެން މުޅި މަސައްކަތް ހުއްޓިފައި އޮތީ. އެ ދުވަހުވެސް ދެންނެވިން (މިދިޔަ ބުރާސްފަތި ދުވަހު) މިކަމުން އަރައިގަނެވުމާ އެއްކޮށް އެކަން ކޮށްދޭނަމޭ" އިމްރާން ވިދާޅުވިއެވެ.