Last Updated: April 20, 19:35
Saturday, April 20, 2024
ދުނިޔެ

ފަލަސްތީނަށް ހައްގުތައް ނުލިބެނީސް އިސްރޭލާ ގުޅުން ގާއިމު ނުކުރާނަން

ފަލަސްތީނު ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ފުރިހަމަ އަށް ނުލިބެނީސް އިސްރާއީލާ ގުޅުން ގާއިމު ނުކުރައްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވެފައިމިވަނީ އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މިދިޔަ ހަފުތާގައި އިސްރާއީލާ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ބޮޑުވަޒީރު އިމްރާން ވިދާޅުވީ ކޮންމެ ގައުމަކުން ކޮންމެ ގޮތަކަށް ކަންކުރި ނަމަވެސް ޕާކިސްތާނުގެ ނިންމުން ވަރަށް ސާފު ކަމަށާއި އެގޮތުން ފަލަސްތީނު ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ނުލިބެނީސް އިސްރާއީލް ބަލައިގަނެވެން ނެތް ކަމަށެވެ.

އަދި ފަލަސްތީނު ރައްޔިތުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ފުރަގަސްދިނުމަށްފަހު އިސްރާއީލާ ގުޅުން ގާއިމުކޮށްފިނަމަ ޕާކިސްތާނުން ކަޝްމީރު ވެސް ދޫކޮށްލަންޖެހޭނެ ކަމަށާއި އެހެންކަމުން އެއީ ކުރާނެ ކަމެއް ނޫން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"ފަލަސްތީނާއި އިސްރާއީލުގެ ވާހަކަ ދައްކާއިރު އަހަރުމެން ވިސްނާލައި އަދި ސުވާލު ވެސް ކޮށްލަންޖެހޭ ކަމެއް އެބައޮތް. އެއީ ފަލަސްތީނު ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކާއި އަދި އެމީހުންނަށް ލިބެންޖެހޭ ހައްގުތައް ނިގުޅައިގަތުމުން އެކަމަށް ވެސް ފުރަގަސްދީގެން ތިބުމުން އަހަރުމެންނަށް ހެއްދެވި ފަރާތަށް ޖަވާބުދާރީ ވެވޭނެތޯއޭ. އަހަރެންގެ އަމިއްލަ ނަފްސު އެކަން ކުރުމަށް ޖާގައެއް ނުދޭ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން" އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ މި ވާހަކަތަކާ ގުޅިގެން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ފަލަސްތީނުގެ އެމްބަސީން ވަނީ އޭނާ އަށް ޝުކުރު އަދާކޮށްފައެވެ.