Last Updated: April 19, 17:49
Friday, April 19, 2024
ޚަބަރު

ޔާމީން މިނިވަން ކުރޭ، ނޫނީ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނަން: ޖާބިރު

ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނާއެކު މަސައްކަތް ކުރައްވަން ފައްޓަވާފައިވާ ޖާބިރު މިއަދު ވިދާޅުވީ ޖަލުގައި ތިބި ގައިދީންނަށް އެއް ހަމަޔަކުން އަމަލުކުރަންޖެހޭއިރު ޔާމީނަށް ގާނޫނީ ވަކީލުންނާއި ބައްދަލުކުރުމުގެ ފުރުސަތު ނުދެއްބާ ބެހެއްޓުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ޔާމީން ވަގުތުން މިނިވަން ކުރެއްވުމަށް ވެސް ޖާބިރު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

"ނޫނީ ހޯމަ ދުވަހު ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނަން. އޭގެ ކުރިން މަޝްވަރާ އަށް ތާއީދު" ޖާބިރު ވިދާޅުވިއެވެ.

ޔާމީން މިހާރު ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ކަމަށްވާއިރު އެ ހުކުމް ޔާމީންގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ.

އަދި ދައުލަތުން ދާދިފަހުން ވަނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވެސް އުފުލާފައެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.