Last Updated: April 24, 06:35
Wednesday, April 24, 2024
ދުނިޔެ

އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ތިން މިލިއަނަށް

އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ތިން މިލިއަނަށް އަރައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ 69،239 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަދި އިއްޔެއިން ފެށިގެން މި ބަލީގައި އިތުރު 912 މީހަކު މަރުވެފައިވާ ކަމަށެވެ.

މި އަދަދުތަކާއެކު މި ބައްޔަށް އިންޑިއާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ތިން މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 56،000 އަށް ވުރެ މައްޗަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2.2 މިލިއަން މީހުން ވަނީ ރަނގަޅުވެފައެވެ.

ކޮވިޑަށް އެންމެ ފުރަތަމަ އިންޑިއާ އިން މީހަކު ޕޮޒިޓިވްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށް އަރާފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ދެ މިލިއަނަށް އިންޑިއާގެ އަދަދު އެރީ މި މަހުގެ ކުރީކޮޅުއެވެ.

އިންޑިއާ އަކީ ތިންވަނަ އަށް މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ގައުމެވެ. މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އެމެރިކާ އިން ކަމަށްވާއިރު ދެވަނައިގައި އޮތީ ބްރެޒިލް އެވެ.