Last Updated: March 28, 16:21
Thursday, March 28, 2024
ޚަބަރު

ބީޗު ނުހެދުމަށް ކައުންސިލުން އެންގުމުން ރައްޔިތުން ރަތަށް

ފޭދޫގައި 3އެސް ކުންފުނިން އިސް ނަގައިގެން ސާފުކުރި އަތިރިމަތި: ފޮޓޯ - ފޭސްބުކް

ހުއްދަ ހޯދުމަކާނުލާ އައްޑޫ ސިޓީގައި ބީޗުތައް ނަހަދަން އައްޑޫ ކައުންސިލުން އިއްޔެ އެންގި އެންގުމާއެކު އާންމުންގެ ހިތްހަމަނުޖެހުންތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލައިފިއެވެ.

ކައުންސިލުން އިއްޔެ ނެރުނު އެންގުމެއްގައި ބުނީ ހުއްދަ ހޯދުމަކާނުލާ ދައުލަތުގެ ބަންޑާރަ ބިން ބޭނުންކުރުމާއި އެބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ޤާނުނުގައި ވެސް އެކަން މަނާކޮށްފައިވާ ކަންކަން ކަމަށެވެ.

އެހެންކަމުން މިފަދަ މަސައްކަތް ކުރަމުން ގެންދާ އެންމެހާ ފަރާތްތަކަށް އެފަދަ މަސައްކަތް ނުކުރުމަށް ކައުންސިލުގެ އެންގުމުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލުން މިފަދަ އެންގުމެއް އަންގާފައިމިވަނީ އައްޑޫ އަވަށްތަކުގައި ފޯރިއާއެކު ބީޗު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގައެވެ.

ކައުންސިލުގެ މި ނިންމުމަށް ފާޑު ކިޔަމުން ސޯޝަލް މީޑިއާގައި އާންމު ފަރާތަކުން ވަނީ ކައުންސިލުން މަސައްކަތް ކުރަމުން އަންނަނީ ތިމަންނާ މެންނަށް ނުކުރެވުނު ކަމެއް އެހެން ބަޔަކު ވެސް ކޮށްގެން ނުވާނެ ކަމުގެ ޝިއާރާއެކުގައި ކަމަށާއި މިއީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އަނެއް ފަރާތަކުން ވަނީ އައްޑޫ ކައުންސިލުން ކަމެއް ނުކޮށްދޭ ހާލުގައި އެހެން ބަޔަކު ކުރާ ކަންކަމަށް އެއްބާރުލުން ދިނުން މާ ރަނގަޅުވާނެ ކަމަށްވެސް ބުނެފައެވެ. އަދި އެހެން މީހަކު ވަނީ އަތިރިމަތި ސާފުކޮށް ކުޑަކުދިންނަށް މޫދަށް އެރިލާ އުފާކޮށްލާނެ މާހައުލެއް ހޯދައިދިނުމަކީ ތިމާވެއްޓާއި ބީރަށްޓެހި ކަންތައްތަކެއްތޯ ވެސް ސުވާލުކޮށްފައެވެ.

އޭގެއިތިރުން ގަސް އިންދުމާއި، އަތިރިމަތި ސާފުކުރުން ފަދަ ކަންކަން ބައެއްގެ ނުފޫޒެއް ނެތި ހުއްޓުމެއް ނެތި ކުރަންޖެހޭ ކަމަށާއި ފަތުރުވެރިކަމުގެ ފެށުމަކީ އެއީ ކަމަށްވެސް ކައުންސިލުގެ ނިންމުމާއި މެދު ހިތްހަމަނުޖެހިފައި ހުރި މީހަކު ބުންޏެވެ.

އަދި އެހެން މީހަކު ވަނީ ބައެއް ފަރާތްތަކުން އުޅެނީ އައްޑޫގެ ނަލަކަން ފޮރުވަން ކަމަށާއި އައްޑޫ އަށް ހަމައެކަނި އޮތީ ސިޓީއެއްގެ ނަން އެކަނި ކަމަށްވެސް ބުނެފައެވެ. އަދި އަމިއްލަ އަށް ބީޗު ނަހަދާ އެކަން ކުރަން އަންނަނީ ކޮންބައެއްތޯ އާއި ތިމާގެ ރަށް ތިމާ ތާހިރު ނުކުރާނަމަ އެކަން ކުރަން ބަޔަކު ނާންނާނެ ކަމަށްވެސް މީހަކު ބުންޏެވެ. އަދި 30އަހަރުގެ ތެރޭގައި ވެސް އައްޑޫގައި ނުވި ކަމެއް މިހާރު ކުރެވުމުން އެކަން ބަލައިގަތުމަށް ވެސް އެކަކު ވަނީ ކައުންސިލަށް ގޮވާލާފައެވެ.

ކައުންސިލްގެ މި ނިންމުމަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ކައުންސިލުން ވަނީ އެންގުމާ ޙިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު ރާއްޖޭގެ ޢިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 140 ވަނަ މާއްދާ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ބުނެފައެވެ.