Last Updated: March 29, 02:52
Thursday, March 28, 2024
ދުނިޔެ

ސިއްހީ މައްސަލަތަކާއި ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ސިއްހީ މައްސަލަތަކާއި ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އުމުރުފުޅުން 67 އަހަރުގެ އަބޭ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެގޮތުން އަބޭ ވަނީ ސިއްހީ ހާލަތު ހުރި ގޮތުގެ ސަބަބުން ސަރުކާރުގެ މުހިއްމު ނިންމުންތައް ނިންމުގައި ގޯހެއް ހަދަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އަދި ދައުރު ފުރިހަމަ ނުކުރެއްވުނީތީ ޖަޕާނުގެ ރައްޔިތުންގެ ކިބައިން އަބޭ ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އަބޭގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ގިނަ އަހަރުތަކެއް ވަންދެން އަލްސަރޭޓިވް ކޮލައިޓިސް ބައްޔަށް އަބޭ ފަރުވާ ހޯއްދަވަމުން ގެންދެވިއިރު މިފަހުން އޭނާގެ ހާލުކޮޅު ވަނީ ގޯސްވެފައެވެ. އެގޮތުން އާންމުންނަށް އަބޭ ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ކައިރިކައިރީގައި ހޮސްޕިޓަލަށް އޭނާ ވަޑައިގެންނެވުމުން ޖަޕާނުގެ ރައްޔިތުންގެ ހިތުގައި އަބޭގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް އޮތީ އުފެދިފައެވެ.

އަބޭ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާ އަކީ ޖަޕާނުގައި އެންމެ ދިގު މުއްދަތަކަށް އެ މަގާމު ފުރުއްވި ފަރާތެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން އަބޭ ގެންދަވަނީ އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުންނެވެ.