Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ރައްޔިތުން ރައްކާތެރިކޮށްދިނުމުގައި ސަރުކާރު ވަނީ ނުކުޅެދިފައި

ރައްޔިތުން ރައްކާތެރިކޮށްދިނުމުގައި ސަރުކާރު ނުކުޅެދިފައިވާ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ސައިކަލު ބުރަށްފަހު ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ މިހާތަނަށް ރާއްޖެއަށް ދިމާވި އެންމެ ނުރައްކާތެރި ދަނޑިވަޅުގައި، އަދި ރައްޔިތުން އެންމެ ނިކަމެތިވި ވަގުތުގައި ފެންނަމުން ދަނީ ސަރުކާރުން އަދާކުރަން ޖެހޭ ވާޖިބު އަދާ ނުކުރެވޭތަން ކަމަށެވެ.

"ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި، ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ނުކުރެވޭތަން. ރައްޔިތުންނަށްޓަކާ ކުރަންޖެހޭ މަސައްކަތް ކުރުމުގައި ސަރުކާރު ނާގާބިލުވެ، ނުކުޅެދިފައިވާތަން މިހާރު ފެންނަމުން މިދަނީ" ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ޒުވާނުން މިއަދު ނިކުމެ އަޑުއުފުލަނީ މި ސަބަބާއި ހުރެ ކަމަށާއި އެގޮތުން މުޒާހަރާގައި ބައިވެރިވި ޒުވާނުން ވެސް މިހާރު ބުނަމުން އަންނަނީ ދެން ކެތް ނުވާނެ ކަމާއި މިއަށްވުރެ ރަނގަޅަށް ސަރުކާރުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަދި ރައްޔިތުންގެ ހަޒާނާ ހުސްވެގެންދާއިރު އެންމެން ބައިވެރިކޮށްގެން މިހާރު ދިމާވެފައިވާ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ނަމަވެސް މިއަދު ފެންނަމުންދަނީ އެ މަންޒަރު ނޫން ކަމަށްވެސް ވަހީދު ވިދާޅުވިއެވެ. އެގޮތުން މިހާރު ފެންނަމުންދަނީ ދައުލަތުގަ ހަޒާނާ ހުސްވެ، ފައިސާ ހުސްވި މަންޒަރު ކަމަށާއި ރައްޔިތުން ނިކުމެ ހިތްހަމަނުޖެހުން ފާޅުކުރަނީ އެ ސަބަބާއި ހުރެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް އުނިކަމެއް އަންނަން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި ލޭ އޮހޮރާލައިގެން ވެސް ރާއްޖެ ސަލާމަތް ކުރުމަށް ރައްޔިތުން އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

މިއަދުގެ ސައިކަލު ބުރުގައި ގިނަ ބަޔަކު ބައިވެރިވިއިރު، މި ހަރަކާތުގެ ތެރެއިން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިކަމާއި ގުޅިގެން މިސާރވިސްއިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން" އޮފިޝަލް ވިދާޅުވިއެވެ.