Last Updated: April 20, 18:15
Saturday, April 20, 2024
ދުނިޔެ

ބާރުގަދަ ވައި ރޯޅިއަކާއެކު 3 އަހަރުގެ ކުއްޖަކު ވައިގެ ތެރެއަށް

އިއްޔެގެ ވަގުތެއްގައި ތައިވާނުގެ ރަށެއްގައި ގުޑި އަރުވަން އުޅުނު 3 އަހަރުގެ އަންހެން ކުއްޖަކު، ވައި ގަދަވުމުގެ ސަބަބުން ވަޔާއެކު އުދުހިގެންގޮސް އެންމެން ހައިރާންކޮށްލައިފިއެވެ.

މިހާދިސާ ހިނގާފައި ވަނީ ހަފްތާ ބަންދު ތެރޭގައި ޗައިނާގެ ރަށެއް ކަމަށްވާ ތައިވާނުގެ އުތުރު ސަރަހައްދުގައި ބޭއްވި ގުޑި އެރުވުމުގެ ފެސްޓިވަލެއްގެ ތެރެއިނެވެ. މި ފެސްޓިވަލަކީ އާދަޔާޚިލާފަށް ބޮޑު ގުޑި އަރުވާ ހަރަކާތެކެވެ.

އެހެން މީހުންނެކޭ އެއްފަދައިން މި ކުއްޖާވެސް އަރުވަން ހުރީ އޭނނައަށްވުރެ ބޮޑު ގުޑިއެކެވެ. އެހެނަސް، ކަންދިމާކުރިގޮތުން އެކުއްޖާގެ ގުޑި ކަރުގައި އޮޅި، ސަލާމަތް ނުވެވިގެން އުޅެނިކޮށް ގަދަ ވަޔާއެކު އުދުހިގެން ވައިގެތެރެއަށް ދިޔައެވެ. އަދި އެސަރަހައްދުގައި ތިބި މީހުންގެ އެހީގައި ގުޑި އާއި އެކު އެކުއްޖާ ބިމަށް ތިރި ކުރިއެވެ.

30 ސިކުންތު ވަންދެން އެ ކުއްޖާ ވައިގެ ތެރޭގައި އެނބުރުނުއިރު މަންޒަރު ދުށް މީހުން ބިރުން ހަޅޭއްވެސް ލި ކަމަށް ވެއެވެ.

މިކަމާ ގުޅިގެން އެރަށުގެ މޭޔަރު މާފަށް އެދި، މަޖަލަކަށް ކުރިއަށް ގެންދާ އެފަދަ ހަރަކާތްތަކުން ކުރިމަތިވެދާނެ ގެއްލުމަކަށް ބަލާ، އެފަދަ ހަރަކާތްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ދާދި މިފަހުން ގްރީސްގެ ރަށެއްގައިވެސް 3 އަހަރުގެ ކުޑަ ކުއްޖަކު ޔުނިކޯން ރިންގެއްގައި އޮޔާގޮސް، ނުރައްކާތެރި ހާދިސާއެއް ހިނގާފައި ވެއެވެ.