Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ވަޒީރުންނަށް ނަޝީދު ނުފޫޒު ފޯރުވާ ކަމަކަށް ނުދެކެން: ހަސަން

ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުވާ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނަހަމަ ނުފޫޒު، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ތަކުރާރު ކުރައްވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވައިދޭން އެމްޑީޕީގެ ޗެއާޕާސަންގެ އަރިހުން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިއު ޝުއައިބު އަލީ އެދިވަޑައިގެން ފޮނުއްވި ސިޓީގެ ޖަވާބުގައެވެ.

ވަޒީރުންނަށް ނަޝީދު ނުފޫޒު ފޯރުވާ ކަމަށް ޝުއައިބު ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ޗެއާޕާސަނަށް ނަޝީދު ފޮނުއްވި ސިޓީއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވާފައި ވަނިކޮށެވެ.

ޝުއައިބު ފޮނުއްވި ސިޓީގެ ޖަވާބުގައި ހަސަން ވިދާޅުވީ ނަޝީދު ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވާ ކަންކަމަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ފޯރުވުން ކަމަށް ނުދެކޭ ކަމަށެވެ. އަދި ނަޝީދު ފޮނުއްވި ސިޓީފުޅަކީ އެމަނިކުފާނުގެ އަމިއްލަ ހައިސިއްޔަތުން، އަމިއްލަ ހިޔާލުފުޅުގެ މައްޗަށް ލިޔުއްވައި ފޮނުއްވި ސިޓީފުޅެއް ނޫން ކަމަށާއި އެއީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ ރައީސްގެ ހިޔާލުފުޅު ލިޔުއްވައި ފޮނުއްވާފައިވާ ޕާޓީގެ ރަސްމީ ސިޓީއެއް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމަކީ ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި އަދި އެއީ ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އެންމެ އިސް ފަރާތް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

"އެހެންކަމުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު ނަޝީދުގެ ވިސްނުންފުޅު ޕާޓީގެ އާންމު މެމްބަރުންނާ ހިއްސާކުރެއްވުމާއި، އެވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އެންމެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސައްކަތުގެ މަސްއޫލިއްޔަތެވެ" ހަސަން ވިދާޅުވިއެވެ.