Last Updated: April 20, 08:59
Saturday, April 20, 2024
ޚަބަރު

"އިންޑިއާ އައުޓް" ހަރަކާތުގެ އަޑީގައި ތިބީ ހަރުކަށި މީހުން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

"އިންޑިއާ އައުޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި މިހާރު ހިންގަމުން އަންނަ ހަރަކާތުގެ އަޑީގައި ތިބީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހަރުކަށި މީހުން އަޑީގައި ތިބެގެން ހިންގާ އެ ހަރަކާތަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި ޕީޕީއެމުން އެއްބާރުލުންދީ އެ މީހުންގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށެވެ.

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ޕީޕީއެމުން މަސައްކަތް ކުރަނީ ހަރުކަށި ދީނީ ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސް އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށެވެ. އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެއީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އެބަތިބި ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް އަޅަން އުޅޭ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ރާއްޖޭގައި މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް އެއްވެސް ގައުމެއްގެ ނެތްކަން. އޭގެ ތަފްސީލަށް ދާނަމަ، ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެ އަކު ނުއެއް ނެތް" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް މިހެން ވިދާޅުވިއިރު ރާއްޖޭގެ މިނިވަން ކަމަށް ލޮޅުން އަރާނެ ކަމަށް މި ސަރުކާރުން ނުކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.