Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އެމްޑީޕީ ބައިބައި ނުކުރެވޭނެ: ހަސަން

އެމްޑީޕީ ބައިބައި ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ސްލޮޓެއްގައި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް މަގާމުން ދުރުކުރުމުގެ މަސައްކަތް އެ ޕާޓީގެ ތެރެއިން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ބައިބައި ނުވާނެ ކަމަށާއި އަދި ނުވެސް ކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން އެކަން އެހެން ވިޔަކަ ނުދޭނެ ކަމަށާއި އެމްޑީޕީ ބައިބައި ކުރެވިދާނެ ކަމަށް ހީކޮށް އެ މަސައްކަތް ކުރާ މީހުން އެކުރަނީ ވަރަށް ބޭކާރު މަސައްކަތެއް ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ހަސަން މިހެން ވިދާޅުވިއިރު އެމްޑީޕީ މެމްބަރުން ހިމެނިވަޑައިގަންނަވާ ގްރޫޕެއްގައި އިއްޔެ ދެއްވި ކުރު މެސެޖެއްގައި ރައިސް ނަޝީދު ވަނީ އަބަދުވެސް ހިޔާލު ތަފާތު ވާނެ ކަމަށާއި ނަމަވެސް އެކަމާ ކަންބޮޑު ނުވުމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

"ކަންބޮޑުނުވޭ، މިޕާޓީ ބައިބައި ނުވާނެ، އަަބަދުވެސް ހިޔާލުތަފާތު ވާނެ" ނަޝީދު ވިދާޅުވިއެވެ.

ފައްޔާޒު މަގާމުން ދުރުކުރުމުގެ މައްސަލައިގައި ރައީސް ސޯލިހު އާއި ރައިސް ނަޝީދުގެ ސަޕޯޓަރުންގެ މެދުގައި މި މައްސަލަ އާއި ގުޅިގެން އަންނަނީ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންނެވެ. އެހެންވެ އެކަމާއި ގުޅިގެން ޕާޓީ އަށާއި، ސަރުކާރަށް ހީނަރުކަން އަންނަކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.