Last Updated: April 18, 13:36
Thursday, April 18, 2024
ޚަބަރު

އޮޑިޓު ރިޕޯޓު ނެރުނީ ބަލަންޖެހޭ ކަންކަން ރަނގަޅަށް ނުބަލައި

ކޮވިޑާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޮރިޓީ (އެންޑީއެމްއޭ) އިން ކުރި ހަރުދަތަކާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއް ނޫން ކަމަށް އެންޑީއެމްއޭ އިން ބުނެފިއެވެ.

އެންޑީއެމްއޭހެ ހަރަދުތަކާ ގުޅޭ އެ ރިޕޯޓުގައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަމާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ކޮށްފައި ހުރި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ.

އޮޑިޓު ރިޕޯޓުގައިވާ ކަންކަން ސާފުކޮށްދިނުމަށް މިއަދު އެންޑީއެމްއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އެންއީއޯސީގެ އެކި ޑިޕާޓްމެންޓުތަކުން ކުރާ މަސައްކަތް ބަލައި އެކިއެކި އޮޕަރޭޝަންސްތަކާ ގުޅިގެން ހަރަދު ކުރެވެމުންދާ ގޮތް ބެލުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށްް ދައުވަތު ދެވުނު ކަމަށެވެ.

ނަމަވެސް އެ ދައުވަތު ގަބޫލުކޮށް އެކަމުގައި އޮޑިޓް އޮފީހުން ބައިވެރިވެފައި ނުވާ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި އެންޑީއެމްއޭ އިން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކޮންމެ ކާރިސާއެއްގައި ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި މި އޮޑިޓް ރިޕޯޓުގެ ސަބަބުން ރައްޔިތުންނާ އެންޑީއެމްއޭއާ ދެމެދު އޮތް ގުޅުމަކަށް އަދި އިތުބާރަށް ބުރުލެއް ނާރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އޮޑިޓް ރިޕޯޓުގައި ފާހަގަކުރެވިފައިވާ ކަންކަން ފުރިހަމަ ނޫން ގޮތަށް ރައްޔިތުންނާ ހަމައަށް އައިސްފައިވާތީ ހިތާމަ ކުރަން. އޮޑިޓް ރިޕޯޓު މިފަހަރު ނެރެވިފައި މިއޮތީ އެންމެ ފުރިހަމަކޮށް، ބަލަންޖެހޭ ކަންކަން ރަނގަޅަށް ބެލުމަށްފަހު ނޫން ކަމަށް ދަންނަވާލަން" ހިސާން ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހާތަނަށް ނެރުނު އޮޑިޓް ރިޕޯޓުތަކުގެ ތެރެއިން ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީން ބަލަމުން އަންނައިރު، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީ އާއި ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިހާތަނަށް ކޮވިޑާއި ގުޅިގެން ނެރުނު ގިނަ އޮޑިޓު ރިޕޯޓުތަކެއްގައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފު، ކޮރަޕްޝަން ކަމަށް ބެލެވޭ އެތައް ކަމެއް ފާހަގަކޮށްފައެވެ.