Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ދަރަނީގެ މަޅީގެ ނަމުގައި ނަޝީދު ދައްކަވަނީ ހިޔާލީ ވާހަކައެއް

ޗައިނާ ސަފީރާއި ރައީސް ނަޝީދު - ފޮޓޯ: މަޖިލިސް

ޗައިނާ އިން ރާއްޖެ ދަރަނީގެ މަޅިއެއްގައި ޖައްސާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަކީ ހިޔާލީ ވާހަކަތަކެއް ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

ލޯނުގެ ގޮތުގައި ރާއްޖެ އިން ޗައިނާ އަށް ދައްކަން ޖެހިފައިވާ އަދަދު ތިން ބިލިއަން ޑޮލަރަށް އަރާ ކަމަށް ނަޝީދު ވަނީ ތަފާތު އެކި ފޯރަމްތަކުގައި މީގެކުރިން ވިދާޅުވެފައެވެ. އަދި އެ ދަރަނިތައް ނުދެއްކުމުން އަވަށްޓެރި ސްރީލަންކާ އަށް މެދުވެރި ގޮތް ރާއްޖެއަށް ވެދާނެ ކަމުގެ ބިރު ނަޝީދު ވަނީ ފާޅުކުރައްވާފައެވެ.

އެގޮތުން ލަންކާގެ ރައީސްކަމުގައި މަހިންދަ ރާޖަޕަކްސަ ހުންނެވިއިރު ހިންގި ބޮޑެތި ޕްރޮޖެކްޓްތަކުގެ ދަރަނި ބޮޑުވުމުގެ ސަބަބުން އެ ދަރަނިތައް އަދާކުރުމަށް ދަތިވެ ލަންކާ އިން އެންމެފަހުން ވަނީ އެގައުމުގެ ބައެއް ހަރުމުދާ ޗައިނާއާ ހަވާލުކުރަން ނިންމާފައެވެ. އެގޮތުން ޗައިނާ އިން އެގައުމުގައި ގާއިމްކުރި ހަމްބަންޓޯޓާ ބަނދަރު ލަންކާ އިން ރަސްމީކޮށް 99 އަހަރަށް ޗައިނާ އަށް މިހާރު ވަނީ ދީފައެވެ.

ދަރަނި މަޅިއެއްގައި ޗައިނާ އިން ރާއްޖެ ޖައްސާފައިވާ ކަމަށް ނަޝީދު ވިދާޅުވާ ވާހަކަތަކާ ގުޅިގެން "ބީބީސީ" އަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާ ސަފީރު ވިދާޅުވީ އެއީ ނަޝީދު ދައްކަވާ ހިޔާލީ ވާހަކައެއް ކަމަށެވެ. އަދި ރާއްޖެއިން ޗައިނާ އަށް ދައްކަން ޖެހިފައިވާ އަދަދު ނަޝީދު ވިދާޅުވަނީ މިނަށް ވުރެ ބޮޑުކޮށްގެން ކަމަށްވެސް ސަފީރު ވިދާޅުވެފައެވެ.

މީގެއިތުރުން ސަފީރު ވަނީ ރާއްޖެ އަށް ވެސް އަދި ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށް ވެސް ލޯނު ދެނީ ޝަރުތަކާއި ނުލައި ކަމަށާއި އެއްވެސް ގައުމަކުން ނޭދޭ ކަމެއް ޗައިނާ އިން މަޖުބޫރު ނުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާތް ގުޅުމެއް ބޭއްވިއިރު އެ ސަރުކާރުން ހިންގި ބޮޑެތި ގިނަ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވަނީ ވެސް ޗައިނާގެ ކުންފުނިތަކަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވަނީ ޔާމީންގެ ސަރުކާރުން ގުޅުން ހީނަރުކޮށްފައިވާ ޗައިނާއާ ވާދަވެރި އިންޑިޔާއާއެކު އަލުން ވަނީ ގުޅުން ރަނގަޅުކޮށްފައެވެ.