Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އޮފީސްތަކުން އަމަލުކުރޭތޯ ބަލަނީ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ޚިދުމަތްދޭ ތަންތަނުގައި އަމަލުކުރަންޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ޚާއްސަ އިންސްޕެކްޝަނެއް ފެށުމަށް ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ އެ އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަމުން ގެންދޭތޯ ބެލުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް ބެލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އުސޫލުތަކާ އެއްގޮތަށް މި ތަންތަނުން އަމަލުކުރޭތޯ ބެލުމަށް މި މަހުގެ 20 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އުސޫލާއި ހިލާފަށް ހިދުމަތްދޭ ތަންތަން ފުރަތަމަ ފަހަރަށް 48 ގަޑިއިރަށް ބަންދުކުރާނެ ކަމަށާއި އެ ތަނެއް ދެން ހުޅުވޭނީ 48 ގަޑިއިރުފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ ތަން ބަންދުކުރުމަށް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށާއި އެ ތަނެއް ދެން ހުޅުވޭނީ ތިން ދުވަސް ފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެއިތުރުން އެކަން ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ އެތަނެއް ބަންދުކުރުމަށްފަހު 1000 ރުފިޔާ އިން ޖޫރިމަނާ ކުރާނެއިރު އެ ތަނެއް ދެން ހުޅުވޭނީ ފަސް ދުވަސް ފަހުން ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.