Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ހޯނޑެއްދޫން އިތުރު ދެމީހަކު ޕޮޒިޓިވް، ޖުމްލަ އަދަދު 44 އަށް

ހޯނޑެއްދޫ

ގދ.ހޯނޑެއްދޫން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހޯޑެއްދޫ ސިއްހީ މަރުކަޒުން ބުނީ ބައްޔަށް ޕޮޒިޓިވްވި 44 މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން އަންނަނީ 36 މީހަކަށް ކަމަށެވެ. ހަތަރު މީހަކު ބަލިން ރަނގަޅުވެފައިވާއިރު 32 ގެއެއްގައި މީހުން ވަނީ ކަރަންޓީނުކޮށްފައެވެ.

ހޯނޑެއްދޫ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށުން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު 19 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެ 19 މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 111 ކޮންޓެކްޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭގެތެރެއިން 63 މީހުންގެ ކިބައިން ބަލީގެ އަލާމާތް ފެނިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ހޯނޑެއްދުއަށް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާއިރު، އަލާމާތްތައް ހުރި މީހުންގެ ސާމްޕަލްތައް އަންނަނީ ނަގަމުންނެވެ.

މި ކޭސްތަކާ ގުޅިގެން ހޯނޑެއްދޫ މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. މޮނީޓަރިންގެ ހާލަތުގައި އޮންނައިރު އެ ރަށަކަށް އަރައި ފޭބުން މަނާވާއިރު، އެ ރަށުގެ ސްކޫލްތަކާއި އާންމު ހިދުމަތްދޭ ތަންތަން ވެސް ވަގުތީ ގޮތުން މިހާރު ވަނީ ބަންދުކޮށްފައެވެ.

މާލެ ފިޔަވައި ކޮވިޑްގެ ބަލި މީހުން އެންމެ ގިނައިން ތިބީ ހޯނޑެއްދޫގައެވެ.