Last Updated: March 29, 10:59
Friday, March 29, 2024
ޚަބަރު

ޔާމީން ކަމުދާ ކަމަށް ބުނާނީ ބޯ ހަމަނުޖެހޭ މީހުން: ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމުދާ ކަމަށް ބުނެ ވާހަކަ ދައްކާ މީހަކު ވާނީ ބޯ ހަމަނުޖެހޭ މީހަކަށް ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވަން ޓިކެޓް ކަށަވަރުކުރައްވާފައިވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ޔާމީން ޖަލަށްލާފައިވަނީ ބޭއިންސާފުން ކަމަށް އިދިކޮޅުން ބުނަމުންދާއިރު ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ޔާމީންއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވި ބޭފުޅުންގެ ހެކި ބަހަށް ބަލާއިރު ކޮންމެ ގާޒީއެއް ހުރި ނަމަވެސް ޔާމީނަށް ހުކުމް ކުރަންޖެހޭނެ ކަމަށާއި އެ ހުކުމް ނުކޮށްފިނަމަ އެއީ ގޯހެއް ކަމަށެވެ.

އަދި ޔާމީންގެ ވެރިކަމުގައި ކުރި އަނިޔާއަކީ އިއްޔެ ހިނގާދިޔަ ކަންކަން ކަމަށާއި އެ އަނިޔާ ވަރަށް ކައިރިން ތަޖުރިބާކޮށްފައިވާ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

"ރައީސް ޔާމީން ކަމުދާ މީހެއްގެ ގޮތުގައި ވާހަކަ ދައްކާ މީހަކުވެއްޖެނަމަ ބޯ ހަމަނުޖެހޭ މީހަކަށް އެ މީހަކު ވާނީ. ކިހިނެއްތޯ ރައީސް ޔާމީން ކަމުދާ ރައީސެއްގެ ގޮތުގައި ބުނާނީ. އެ އަނިޔާ އިހަކަށް ދުވަހު ތަޖުރިބާކޮށްފައި، އެ ހިތި ތަޖުރިބާއާ އެކުގައި ތިބެގެން އަދިވެސް މި އުޅެނީ ލޮލަށް ޖަހާފައި ހުރި ޕެޕޭ ސްޕްރޭގެ އަސަރު ނުކެނޑިގެންނޭ މިހާރުވެސް ބުނެވިދާނެ" ނިޒާރު ވިދާޅުވިއެވެ.

ޔާމީން ކަމުދާ ކަމަށް ބުނާ މީހުންގެ ސިކުނޑި ހަމަޖެހޭ ކަމަކަށް ނުބެލެވޭ ކަމަށާއި އިދިކޮޅުން ޔާމީންގެ ދިފާއުގައި ތަންތަނަށް އަރާ ދައްކަމުންދަނީ ހަމަހޭގައި ތިބެގެން ބަޔަކު ދައްކާ ޒާތުގެ ވާހަކަތަކެއް ނޫން ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.

"ޔާމީން ކުރެވިފައިވާ ހުކުމަކީ ހެއްކަށް ބަލާއިރު އެއީ ހަމަ ކުރެވެންޖެހޭ ހުކުމެއް. ސައްހަ ހުކުމެއް އެއީ. ކޮންމެ ފަނޑިޔާރަކު ކޯޓުގައި އިނަސް، ހަމަ ގައިމުވެސް ހެކިތަކަށް ބަލާއިރު އެ ހުކުމް ކުރެވެން ޖެހޭނެ. ރައްޔިތުން އެ ވާހަކަތައް އަޑުއަހަން ވެސް ނުވާނެ" ނިޒާރު ވިދާޅުވިއެވެ