Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކުރީގެ އިސްލާމިކް މިނިސްޓަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދުގެ މައްޗަށް މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް އިއްޔެ ފޮނުވައިފިއެވެ.

އޭސީސީން ބުނީ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދާރުއްޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) ޢިމާރާތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށްފަހު ކަމަށެވެ.

ޒިޔާދުގެ އިތުރުން އެ މައްސަލައިގައި އޭރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް ޢަބްދުﷲ ސަޢީދު ގެ މައްޗަށް ވެސް ދައުވާކުރަން ވަނީ ފޮނުވާފައެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތް ހާމަކުރަމުން އޭސީސީން ބުނީ 1439ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލްއެއްގެ މަޢޫލޫމާތު ހިމަނައި އެ ތިންފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، މި ޕްރޮޕޯސަލްތަކުގެ މަޢުލޫމާތު ރައީސުލްޖުމުހުރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވަނީ މި ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަންކަމަށް ތަޙްޤީޤަށް ޤަބޫލުކުރެވޭތީއާއި، އޭރު އިސްލާމިކް މިނިސްޓަރގެ މަޤާމުގައި ހުރި ޒިޔާދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވާއިރު، އެ ޕްރޮޕޯސަލްތަކަކީ ކިހިނެއް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތުމުންނާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުޞޫލު ނޫންކަމާއި، އަދި އިސްލާމިކް މިނިސްޓްރީއިން އެފަދަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާކަން ތަޙްޤީޤަށް އެނގިފައިވާ ކަމަށެވެ.

މި މައްސަލައިގައި އޭސީސީން ވަނީ ޒިޔާދުގެ މައްޗަށް ވަނީ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާ އާއި 513 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދި ޤާނޫނުލް އުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ދައުވާކޮށްދިނުމަށް އެދިފައެވެ.

އަދި ޒިކުރާ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޕްރޮޕޯސަލްތައް ހޯދާފައިވާއިރު، އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ޙައިސިއްޔަތުން އިބްރާހީމް ޢަބްދުﷲ ސަޢީދު އެސް.ޖޭ ކޮންސްޓްރަކްޝަންއަށް މި މަޝްރޫޢު ޙަވާލުކުރުމަށް މަސައްކަތްކޮށްފައިވާތީއާއި ޒިކުރާ މިސްކިތް ޢިމާރާތްކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އިބްރާހީމް ޢަބްދުﷲ ސަޢީދު ބިން ޙަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސް.ޖޭ ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްފައިވާތީއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ 04 މާރިޗު 2018ގެ ސިޓީގައި ބަޔާންކޮށްފައިވާގޮތަށް އެސް.ޖޭ ކޮންސްޓްރަކްޝަންގެ ޕްރޮޕޯސަލްގައި ޒިކުރާ މިސްކިތް ޢިމާރާތްކޮށްދިނުމަށް އެފަރާތުން ހިމަނާފައިވަނީ، އެ މަޢުލޫމާތުތައް އެފަރާތަށް އިބްރާހީމް ޢަބްދުﷲ ސަޢީދު ދީގެންކަމަށް ބެލެވޭ ކަމަށް އޭސީސީން ބުނެއެވެ.

އިބްރާހީމް ޢަބްދުﷲ ސަޢީދު އާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު މަސްލަޙަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަޙްޤީޤަށް ފާހަގަކުރެވޭތީއާއި، ޒިކުރާ މިސްކިތް ޢިމާރާތްކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ކޮންމެހެން ބޭނުންވާނެ މަޢުލޫމާތުތައް ހިމަނާފައިނުވާއިރު، އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ޙައިސިއްޔަތުން އިބްރާހީމް ޢަބްދުﷲ ސަޢީދު އެ ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސް.ޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަޙްޤީޤު ސާބިތުވާ ކަމަށް އޭސީސީން ބުނެއެވެ.

އެހެންކަމުން އޭސީސީން ވަނީ އިބްރާހިމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާކޮށް ދިނުމަށް ޕީޖީ އޮފީހުގައި އެދިފައެވެ.