Last Updated: March 29, 09:35
Friday, March 29, 2024
ޚަބަރު

ރާއްޖެއަށް ފެރީން މީހުން އުފުލުމުގެ ވިސްނުން ދޫކޮށްލަންޖެހޭ: ސައީދު

ބޭރުން ރާއްޖެ އަށް ފެރީ އިން މީހުން އުފުލުމުގެ ވިސްނުން ދޫކޮށްލަންޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިމިވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް މި މަހު ފަށަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ސައީދު ވިދާޅުވީ ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް A380 ގެ މަތިންދާ ބޯޓެއް ފުރަތަމަ ޖެއްސީ ދިވެހި ޕައިލެޓާއެކު މީގެ ދެ އަހަރު ކުރިން މި ދުވަހު ކަމަށެވެ. އެހެންކަމުން ބޭރުން ރާއްޖެ އަށް އަސްގާނޑިޔަލާއި ފެރީން މީހުން އުފުލުމުގެ ވިސްނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްލަންޖެހޭ ކަމަށާއި ވެރީން އަބަދުވެސް ބަލަންޖެހޭނީ ކުރިއަށް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް މި މަހުގެ 20ވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އިންޑިއާ ކެބިނެޓުން ވަނީ ރުހުން ވެސް ދީފައެވެ.

މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދާދިފަހުން ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށާއި އަދި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ދެ ގައުމުގެ ސަރުކާރުން ހާމަކުރެއެވެ.