Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓަން ފައިސާގެ އެހީ ބޭނުންވޭ

ރާއްޖޭގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހުސެއިން މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެސަރޓިފިކޭޝަން އާއި ކޮމަންވެލްތު ގުޅިގެން ބޭއްވި ހައި ލެވަލް މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދުނިޔެ ހޫނުވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަ ހުދުވުމުގެ އިތުރުން މޫދުގެ ބައެއް ދިރުންތައް ނެތިދިއުން ފަދަ ކަންތައްތަކާއި ރާއްޖެފަދަ ޖަޒީރާ ޤައުމުތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި އެހެންކަމުން ޕެރިސް އެގްރީމަންޓުގައި ވާގޮތަށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސް އަށްވުރެ އިތުރުވިޔަނުދިނުމަށް ހުރިހާ ޤައުމުތަކުގެވެސް އެއްބާރުލުން ބޭނުންވާކަމަށެވެ.

އަދި މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ނޫ އިޤްތިސާދު ކަމަށާއި އެކަންތައް ހާސިލުކުރެވޭނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަށް މިހާރުވެސް ރާއްޖެއިން ގިނަގުނަ ކަންތައްތައް ކުރަމުންގެންދާކަން ފާހަގަކުރަމުން މިނިސްޓަރ ވިދާޅުވީ ޤުދުރަތީގޮތުން ޚާއްސަ ސިފަ ލިބިފައިވާ ތަންތަން ހިމާޔަތްކުރަމުން ގެންދާކަމަށެވެ.

އަދި މި ކަންތައްތައް ހާސިލުކުރުމަށާއި ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް އެކަށީގެންވާ ފައިސާގެ އެހީ ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އޭގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ކުރިމަތިލާއިރު ރާއްޖެ ފަދަ ބިންތިރި ޤައުމަކަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންވާ ފައިސާގެ އެހީ ނުލިބޭނަމަ ދިމާވާނެ ގެއްލުންތަކާއި ގުޅޭގޮތުން މިނިސްޓަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި އެހެނިހެން ގޮތްގޮތުންވެސް ކަނޑުގެ ދިރުންތަކަށް ގެއްލުންލިބޭ ކަމަށާއި ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބެމުންދާކަމަށާއި މިކަންކަން ހައްލުކުރަން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށެވެ.

ޔޫއެންގެ 75 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑިޒަރޓިފިކޭޝަން (ޔޫއެންސީސީޑީ) އަދި ކޮމޮންވެލްތް ސެކްރެޓޭރިއެޓް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ޔޫ އެން ސީ ސީ ޑީ އާއި ކޮމަންވެލްތް ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާމެދު މެމްބަރު ގަމުގެތަކުގެ މެދުގައި މަޝްވާރާކުރެވިފައިވެއެވެ.

އެގޮތުން، މި ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން އަޅާ ފިޔަވަޅުތައް ބާރުމިނުގައި ކުރިއަށްގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި، ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ ތިމާވެށްޓާބެހޭ ވަޒީރުންނާއި، ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ އިސްވެރިންނާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުންވެސް މަންދޫބުން ބައިވެރިވިއެވެ.