Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ސްޓިކާ ޖެހީ މަނާ ތަނެއްގައި ސައިކަލު ޕާކު ކުރުމުން: ފުލުހުން

ފުލުހުން ސައިކަލުގައި ސްޓިކާ ޖަހާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް

ހުޅުމާލޭގެ ފްލެޓެއްގެ ސިނޑި ކައިރީ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ފުލުހުންގެ ސްޓިކާ ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އާންމުވެ ފުލުހުންނަށް ފާޑުކިޔުން އަމާޒުވުމުން އެ ސައިކަލުގައި ސްޓިކާ ޖެހި ސަބަބުން ފުލުހުން ސާފުކޮށްދީފިއެވެ.

ފްލެޓެއްގެ ސިނޑި ކައިރީގައި ހުރި ސައިކަލެއްގައި ސްޓިކާ ޖަހާ މަންޒަރު ފެންނަ މި ވީޑިޔޯއާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މިއީ ޖޫރިމަނާކޮށްގެން ލާރި ހޯދިޔަސް ބޮޑުވަރު ކަމަށް ބުނަމުންނެވެ.

މި ވީޑިޔޯއާ ގުޅިގެން ފުލުހުން މިއަދު ބުނީ އެއީ ހުޅުމާލެ ސޯޝަލް ހައުސިން ފްލެޓެއްގެ ސިޑި ކައިރީގައި އަރައި ފައިވާ މީހުންނަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުރި ސައިކަލެއް ކަމަށެވެ. އަދި އެއީ ވަކި އެޕާޓްމަންޓަކަށް ނިސްބަތް ނުވާ ގޮތަށް އެ ބިލްޑިންގެ އެންމެން ބޭނުންކުރަން އޮންނަ ތަނެއް ކަމަށާއި އެތަނުގައި ޕާކުކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން އޮންނާނީ އެތަނުގައި އުޅޭ މީހުންނަށް އަންގާފައި ކަމަށް ފުލުހުން ބުނެއެވެ.

އަދި ފިޔަވަޅު އަޅަމުން ދަނީ ވެސް ހުރިހާ ފްލެޓެއްގެ މީހުންނަށް ވެސް އެތަނުގައި ޕާކު ނުކުރުމަށް އެންގުމަށްފަހު ކަމަށްވެސް ފުލުހުން ބުނެއެވެ.

"އެއީ ފްލެޓަށް ވަންނަން އޮންނަ ވޯކްވޭ ވީމާ އެތަނުގެ ތިރީގައި ފްލެޓު ބޭނުން ކުރާ މީހުން ޕާކުކޮށް އެއްޗެތި ބެހެއްޓުމުން މަތީ ފްލެޓުތަކަށް އަރާ ފޭބުމަށް ދަތިވާނީ މަނާ ކުރެވިފައި އޮންނަނީ" ފުލުހުން ބުންޏެވެ.

ޕާކިން މައްސަލައަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެ ވަޑައިގެންފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފުލުހުން ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން އެއްކޮށް ހުއްޓާލިއެވެ.

ނަމަވެސް ފަހުން އަނެއްކާވެސް ސްޓިކާ ޖަހަން ފުލުހުން ފެށިއިރު، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވެހިކަލްތަކުގައި ސްޓިކާ ޖަހަން އަލުން ފެށީ ޕާކު ކުރާނެ ތަންތަން ދެއްކުމަށްފަހު ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއާ ހިލާފަށް މިހާރު ސްޓިކާ ޖަހަމުން އަންނަނީ އުޅަނދު އޮތް ސަރަހައްދު ފޮޓޯ ނެގުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވި ނަމަވެސް ސްޓިކާ ޖަހަމުން އަންނަނީ ޕާކުކުރާނެ ތަނެއް ނުދައްކާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.