Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ބަންގްލަދޭޝްގެ 8000 މީހުން މިހާތަނަށް ގައުމަށް ފޮނުވާލައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 8000 އަށް ވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވެލާނާ އެއާޕޯޓްގެ ޓާމިނަލް އޮޕަރޭޝަންސް މެނޭޖަރ، އިބްރާހިމް ހުސެއިން ވިދާޅުވީ ޖުލައި 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 8،509 ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފުރާފައިވާ ކަމަށެވެ.

މި ފަރާތްތައް ފޮނުވާލާފައިވަނީ މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ބާއްވަމުން އަންނަ ރިޕަޓްރިއޭޝަން ފްލައިޓުތަކުގައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި އެނބުރި ގައުމަށް ދާން ބޭނުންވާ އެ ގައުމުގެ ރައްޔިތުން ފޮނުވާލުމަށް ސަރުކާރުން ދަނީ ފްލައިޓުތައް ބާއްވަމުންނެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް 9،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ދެވަނަ އަށް އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.