Last Updated: April 19, 17:49
Friday, April 19, 2024
ޚަބަރު

ފެނަކައިން ވައްކަމެއް، ކޮރަޕްޝަނެއް ނުހިންގާނެ: ސައީދު

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު -- ފޮޓޯ / މިހާރު

ފެނަކައިން ވައްކަމެއް އަދި ކޮރަޕްޝަނެއް ނުހިންގާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިމިވަނީ އޭނާއަށް 27 ތުހުމަތެއްކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލަ އޭސީސީ އަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެގޮތުން މި މައްސަލައިގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއި، މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ ތުހުމަތުތަކެއް ސައީދަށް ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައިން ވައްކަމެއް، ކޮރަޕްޝަނެއް މިއަދު ނުހިންގާނެ އަދި ނުވެސް ހިންގޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި އެކަމަށްޓަކައި ހަސަދަވެރިވާ ފަރާތްތަކެއް މެދުވެރިވެގެން އޭސީސީ އަށް މައްސަލަ ހުށަހެޅުމަކީ ލިބޭ އުފަލެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑު އެމައްސަލަ ގަބޫލުކޮށް، އެމައްސަލަ ވީހާވެސް މިނިވަންކަމާއި މުސްތަގިއްލުކަންމަތީގައި ބެލުމަށް އެފަރާތަށްވެސް ގޮވާލަން" ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ފެނަކައިން ލިބޭ ހިދުމަތެއް ނުލިބޭ ކޮންމެ ފަހަރަކު ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ކުރާނަމަ އެއީ ވަރަށް ބޮޑު ޖޯކެއް ކަމަށާއި އޭނާ އެމްޑީގެ މަގާމުގައި ހުންނެވިހާ ހިނދަކު އެފަދަ އަމަލެއް ނުހިންގޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި އޭސީސީ އަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭސީސީން ބުނީ މި މައްސަލަތައް މިހާރު ވަކިވަކިން ދިރާސާ ކުރަމުންދާ ކަމަށާއި ތަހުގީގު ކުރަން ފަށާނީ އެއަށްފަހު ކަމަށެވެ.

ފެނަކަ އަކީ މިދިޔަ ސަރުކާރުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ މުއާމަލާތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ.