Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުރުމުން ކަންބޮޑުވާކަށް ނުޖެހޭ

ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައީސް ޔާމީން -- ފޮޓޯ / ސަން

އެމަނިކުފާނުގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުރުމަކީ ފުލުހުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ ފްރީޒްކުރި އެމަނިކުފާނުގެ ބޭންކު އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

ޔާމީންގެ އެކައުންޓުތައް ފްރީޒު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނިންމީ ޖިނާޢީ އިޖުރާއަތުގެ ޤާނޫގެ 72ވަނަ އަދި 73ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. ހައިކޯޓުން ބުނީ ކްރިމިނަލް ކޯޓުގެ އެ އަމުރަކީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.

މި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކޮށްގެން މައްސަލަ ޖެހުނު އެއް މިލިއަން ޑޮލަރުގެ މައްސަލައިގެ ތަހުގީގު އެންމެ ފުރަތަމަ ކުރީ އޭސީސީން ކަމަށާއި އެގޮތުން އޭސީސީން އެދުނު ގޮތުގެ މަތީން އެ ފައިސާ އެސްކްރޯ އެކައުންޓެއް ހުޅުވުމަށްފަހު އެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ.

އަދި އޭސީސީން ވަކި ގޮތަކަށް އަމަލުކުރަން އަންގައި އެގޮތަށް ކަންކަން ކުރުމުން އެއީ އެ ފައިސާ ނޫން ކަމަށް ބުނެ އެމަނިކުފާނުގެ ހުރިހާ އެކައުންޓުތަކެއް ބެލުމުގެ ހައްގެއް ނޯންނާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ކުރާ ތުހުމަތަކީ އެމަނިކުފާނުގެ އެކައުންޓުގައި އެ ފަރާތްތަކަށް ނޭނގޭ ފައިސާތަކެއް ހުރުން ކަމަށާއި ނަމަވެސް ފުލުހުންނަށް ސާބިތު ކުރެވޭ ވަރަށް އެނގިގެން ނޫނީ ވަކި މީހެއްގެ އެކައުންޓުގައި ފައިސާ ހުރި ސަބަބު ފުލުހުންނަށް އެނގެން ނުޖެހޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އަދި ތަހުގީގުގައި އެކަމާ ގުޅޭގޮތުން ސުވާލެއް ކުރެއްވިނަމަ ޖަވާބެއް ދެއްވުނީސް ކަމަށާއި ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ކުރައްވާފައި ނުވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"ފުލުހުންގެ ވިސްނުން ހުންނަ މިންވަރަކީ މީހެއްގެ އެކައުންޓުގައި ފައިސާ ހުންނާނީ އެމީހާ އަށް މުސާރައިން ލިބޭ އެއްޗެއް ކަމަށް. މީހަކަށް މުސާރައިން ލިބޭ އެއްޗަކީ އެމީހާގެ ފުރިހަމަ އާމްދަނީ ނޫން ކަމެއް ވެސް ފުލުހުންގެ ހިޔާލަކަށް ނާދޭ. އެހެންވީމަ އަޅުގަނޑުގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުރެގެން އެއީ ފުލުހުން ކަންބޮޑުވާންޖެހޭ މައްސަލައެއް ނޫން" ޔާމީން ވިދާޅުވިއެވެ.

ފުލުހުން ކުރިމަތީގައި ތަހުގީގު ކުރަން އޮތީ އެއް މިލިއަން ޑޮލަރުގެ މައްސަލަ އެކަނި ކަމަށާއި އެ ފައިސާ ހުރީ ދައުލަތުގެ މުއައްސަސާ އަކުން އެންގި ގޮތަށް އެންގި އެކައުންޓެއްގައި ބަހައްޓާފައިވާ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

"އެހެންވީމަ އޭގެ ބޭރުން ދަތުރުކޮށްފައި، ދެން އެމީހާގެ ހުރި ހުރިހާ އެކައުންޓުތަކެއް ބަލާ ހެދުމުގެ ގާނޫނީ އެއްވެސް އަސްލެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ" ޔާމީން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ. ދެން މި މައްސަލައިގައި އޮންނާނީ ހުކުމް އިއްވުން ކަމަށްވާއިރު އެ އަޑުއެހުން ބާއްވާނެ ތާރީހެއް ފަހުން އަންގަވާނެ ކަމަށް މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ.