Last Updated: April 20, 17:52
Saturday, April 20, 2024
ޚަބަރު

ޔާމީންގެ އެކައުންޓްތައް ދޫކޮށްލި މައްސަލަ ހުކުމާ ހަމައަށް

ޔާމީން ދޫނިދޫ އަށް މީގެކުރިން ގެންދެވުން - ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒްކޮށްފައިވަނިކޮށް ހައިކޯޓުން ދޫކޮށްލަން ކުރި ހުކުމުގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފިއެވެ.

ޔާމީންގެ އެކައުންޓުތައް ފްރީޒު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނިންމީ ޖިނާޢީ އިޖުރާއަތުގެ ޤާނޫގެ 72ވަނަ އަދި 73ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. ހައިކޯޓުން ބުނީ ކްރިމިނަލް ކޯޓުގެ އެ އަމުރަކީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލާ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލިކަން މިއަދު އިއުލާން ކުރިއިރު އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން މި މައްސަލައިގައި އޮންނާނީ ހުކުމް އިއްވުން ކަމަށް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ހުކުމް އެ އަޑުއެހުން ބާއްވާނެ ތާރީހެއް ފަހުން އަންގަވާނެ ކަމަށް މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފައެވެ.

މިއަދުގެ އަޑުއެހުމުގައި ވެސް މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތާ ގިނަ ސުވާލުތަކެއް އަމާޒުކޮށްފައެވެ. އެގޮތުން މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ސުއޫދު ވަނީ ޔާމީންގެ 8 އެކައުންޓުގައި ހުރީ ޝައްކު ކުރެވޭ އަދި ތުހުމަތު ކުރެވޭ ފައިސާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވާއިރު، އެ 8 އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ހައިކޯޓުން ބާތިލްކުރުމުން އޭގެފަހުން އަމުރަކަށް އެދިވަޑައިގެން ވެސް ފްރީޒް ކުރެއްވީ އެއް އެކައުންޓު ކަމަށެވެ.

އަދި ދެން ހުރި އެކައުންޓުތައް ފްރީޒްކުރަން އަމުރަކަށް އެދިފައި ނުވާ ކަމަށާއި ނަމަވެސް އެ 8 އެކައުންޓްގައި ހުރި ފައިސާއަކީ ހިޔާނަތަށް ތުހުމަތުވާ ފައިސާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފައިވާއިރު މިކަން ދެކޮޅު ޖައްސާނީ ކިހިނެއްތޯ ސުއޫދު ވަނީ ސުވާލު އުފައްދަވާފައެވެ.

މިއަދު އަޑުއެހުމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކޮށްގެން މައްސަލަ ޖެހުނު އެއް މިލިއަން ޑޮލަރުގެ މައްސަލައިގެ ތަހުގީގު އެންމެ ފުރަތަމަ ކުރީ އޭސީސީން ކަމަށާއި އެގޮތުން އޭސީސީން އެދުނު ގޮތުގެ މަތީން އެ ފައިސާ އެސްކްރޯ އެކައުންޓެއް ހުޅުވުމަށްފަހު އެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ.

އަދި އޭސީސީން ވަކި ގޮތަކަށް އަމަލުކުރަން އަންގައި އެގޮތަށް ކަންކަން ކުރުމުން އެއީ އެ ފައިސާ ނޫން ކަމަށް ބުނެ އެމަނިކުފާނުގެ ހުރިހާ އެކައުންޓުތަކެއް ބެލުމުގެ ހައްގެއް ނޯންނާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"ފުލުހުންގެ ވިސްނުން ހުންނަ މިންވަރަކީ މީހެއްގެ އެކައުންޓުގައި ފައިސާ ހުންނާނީ އެމީހާ އަށް މުސާރައިން ލިބޭ އެއްޗެއް ކަމަށް. މީހަކަށް މުސާރައިން ލިބޭ އެއްޗަކީ އެމީހާގެ ފުރިހަމަ އާމްދަނީ ނޫން ކަމެއް ވެސް ފުލުހުންގެ ހިޔާލަކަށް ނާދޭ. އެހެންވީމަ އަޅުގަނޑުގެ އެކައުންޓުގައި 100 މިލިއަން ރުފިޔާ ހުރެގެން އެއީ ފުލުހުން ކަންބޮޑުވާންޖެހޭ މައްސަލައެއް ނޫން" ޔާމީން ވިދާޅުވިއެވެ.

މި މައްސަލަ ހުކުމާ ހަމައަށް ގޮސްފައިވާއިރު، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ވެސް މިހާރު އޮތީ ހުކުމާ ހަމައަށް އައިސްފައެވެ.