Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ކާޕެޓް އޮތީ މިނިސްޓްރީގައި، ކޮރަޕްޝަންގެ އަމަލެއް ނެތް: އޭސީސީ

މޮރޮކޯ އިން ހަދިޔާކުރި ކާޕެޓު

މޮރޮކޯއިން ހަދިޔާ ކުރި ކާޕެޓެއް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެއަށް ގެންދެވި ކަމަށް ބުނާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން މިހެން ބުނެފައިވަނީ މޮރޮކޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަދިޔާ ކުރެއްވި ކާޕެޓް ޝާހިދު ގެއަށް ގެންދެވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ނިންމުމަށްފަހުއެވެ.

އެގޮތުން އޭސީސީން ބުނީ މި މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ފޮރިން މިނިސްޓްރީ އަށް ދިޔުމުން، މިދިޔަ އަހަރު ތެރޭގައި ފޮރިން މިނިސްޓްރީގެ ދަތުރެއްގައި ރަގްއެއް ނުވަތަ ކާޕެޓެއް ލިބިފައިވަނ ފޮރިން މިނިސްޓަރ މޮރޮކޯއަށް
ކުރި ދަތުރުގައި މޮރޮކޯގެ ފޮރިން މިނިސްޓަރ ހަދިޔާއަކަށް ދެއްވި ރަގު ކަމަށާއި، މި ހަދިޔާ ދެއްވާފައިވަނީ މޮރޮކޯގެ ފޮރިން މިނިސްޓަރާއެކު ބޭއްވުނު ބައްދަލުވުމެއް ނިންމާލުމަށްފަހު ނިއުސްކޮންފަރެންސެއް ބޭއްވުމަށް ހޯލަށް ވަނުމަށް މިނިސްޓަރ ދިޔަ މަގުމަތީގައި ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އެހެންކަމުން ރަގްގެ ފޮޓޯއެއް އެވަގުތު ނެގިފައިނުވާކަމަށާއި، އޭގެ ފަހުން މޮރޮކޯގެ ކަމާބެހޭ މުވައްޒަފުން އެ ރަގް ދިވެހި ސަރުކާރުގެ ޑެލިގޭޝަންގެ ބޭފުޅުން ތިބި ހޮޓަލަށް ގެނެސް ހަވާލުކުރިކަމަށާއި، ޑެލިގޭޝަންގެ މެންބަރުން ރާއްޖެ
އައުމަށް އެއަރޕޯޓަށް ގޮސް އެ ޕެކް ކުރުމުގެ ކުރިން، ޕްރޮޓެކޯލްގައިވާ ގޮތުގެމަތިން އޭގެ ފޮޓޯ މިނިސްޓްރީއާ ހިއްސާކުރިކަމަށާއި އަދި ރާއްޖޭގެ ޑެލިގޭޝަން ޓީމު މާލެއައި ދުވަހު (19 ނޮވެންބަރު 2019) ގައި އެ ރަގް މިނިސްޓްރީ އަށް ގެނެސްފައިވާނެކަމަށް މަޢުލޫމާތު މިނިސްޓްރީން ދީފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އެގޮތުން އެ ކޮމިޝަނުން ފޮރިން މިނިސްޓްރީގެ ސީސީޓީވީގެ ބެކަޕް ބެލިބެލުމުން އެއަރޕޯޓުން ޕެކިންކުރިއިރު، ފޮޓޯ ނަގާފައިވާ ރަގް، 19 ނޮވެންބަރު 2019 ވަނަ ދުވަހު ހެނދުނު 8:45 އާއި 9:15 އާ ދެމެދު މިނިސްޓްރީ އަށް ގެނެސްފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އަދި މިހާރު މި ރަގް އޮތީ މިނިސްޓްރީ ގެ ސްޓޮކް ރޫމްގައި ކަމަށާއި އެހެންކަމުން މި މައްސަލާގައި ކޮރަޕްޝަންގެ އިޙްތިމާލެއް އޮތްކަމަށް ނުފެންނަ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.