Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އިޖުތިމާއީ މައްސަލަތައް ހައްލުކުރަން އިލްމުވެރިންގެ އެއްބާރުލުން ބޭނުންވޭ

މުޖުތަމަޢަށް ކުރިމަތިވެފައިވާ އަޚްލާޤީ އަދި އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ދީނީ އިލްމުވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހަވީރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މުޖުތަމަޢަށް ކުރިމަތިވެފައިވާ އަޚްލާޤީ އަދި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމާއި އަދި މުޖްތަމަޢުގެ ފަރުދުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ ޢިލްމުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ޤުރުއާނާއި އިސްލާމް މާއްދާގެ ކިލާސްތަކެއް އޮންލައިންކޮށް ހިންގުމާއި ގުޅޭ ގޮތުންނާއި، ޤައުމީ ޤުރުއާން މުބާރާތް މި އަހަރު އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާ، ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެއިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާއިމެދު ލޯބި އިތުރުކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ލާމަރުކަޒީކޮށް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ މިފަދަ ކަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމާއި، އެކަކު އަނެކަކަށް އިޙްތިރާމުކުރުން ފަދަ ސިފަތައް މުޖުތަމަޢުގެ އަފްރާދުންގެ ތެރޭގައި އަށަގެންވުމަށް ޢިލްމުވެރިން ވެސް ބާރުއަޅުއްވައި މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަޙްމަދު ޒާހިރު ވަނީ ދީނީ ކަންކަމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމާއި، އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޢިލްމުވެރިން ވަނީ، ދީނީ ކަންކަން ކުރިއެރުވުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ބައްދަލުވުމުގެ ބައިވެރިންނާއި ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޝިޢާރު ފާޅުކޮށް މަތިވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިއްބެވިކަން ޢިލްމުވެރިން ވަނީ ފާހަގަކުރައްވާފައެވެ.