Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ސަރުކާރަށް ކޮރަޕްޝަން "އޯކޭ" ވެއްޖެ: ޖަމީލު

ސަރުކާރަށް ކޮރަޕްޝަން މިހާރު "އޯކޭ" ވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާ ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދައުލަތުގެ ނިޒާމް ތަޣައްޔަރު ވެފައިވާ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް ކަމަށެވެ.

އަދި ޚިޔާނާތް ވެސް މިހާރު ފެޝަނަކަށް ވެފައިވާ ކަމަށާއި ބޮޑެތި ތުހުމަތުކުރެވޭ ފަރާތްތައް ތިބީ އަމިއްލަ އަށް ގޮތް ނިންމަން ދޫކޮށްލާފައި ކަމަށްވެސް އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުކަން ވެސް ކުރައްވަމުން ގެންދަވާ ޖަމީލު ވިދާޅުވިއެވެ.

"ސަރުކާރަށް ކޮރަޕްޝަން އޯކޭވެ، ދެކޮޅަށް އަޑުއުފުލާ މީހުން ގޯސްވެއްޖެ" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވިއިރު ކޮވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓުން ފާހަގަވި ކަންކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަގާމުން އެކަހެރިވެ ވަޑައިގެންފައެވެ. އެ މައްސަލަ އޭސީސީންނާއި ފުލުހުން ވެސް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ނަމަވެސް ކޮވިޑްގެ މި ހާލަތުގައި ހެލްތު މިނިސްޓްރީ ހިންގަވަން އެ ދާއިރާއާ ގުޅުންހުރި މިނިސްޓަރެއް ނެތުމުގެ ކަންބޮޑުވުން ބައެއް އާންމުން އަންނަނީ ފާޅުކުރަމުންނެވެ.