Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

އައްޑޫ އާއި އިންޑިއާ-އެފްރިކާއާ ދެމެދު ޝިޕިން ރޫޓެއް ގާއިމުކުރަން ދިރާސާކުރަނީ

ކުޅުދުއްފުއްޓަށް އައި އިންޑިއާގެ ކާގޯ ބޯޓު

އައްޑޫ އާއި އިންޑިއާ-އެފްރިކާއާ ދެމެދު ޝިޕިން ރޫޓެއް ގާއިމުކުރަން ދިރާސާކުރަން ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫގެ ބައެއް ޝިޕިން ދާއިރާތަކުގައި މަސައްކަތް ކުރާ ކެޕްޓަނުންނާއި ވިޔަފާރިވެރިންނާއި، ޝިޕް އެޖެންޓުންނާއެކު ސިޓީ ކައުންސިލްގެ ފަރާތުން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

"އެއީ އައްޑޫ އިން އީސްޓް އެފްރިކާ އަދި އިންޑިއާ، ނުވަތަ އީސްޓާއި ވެސްޓާއި ގުޅާލެވޭނެ ޝިޕިން ރޫޓެއްގެ ޕައިލެޓް ޕްރޮގްރާމެއް ރޭވުމަށްޓަކައި. އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ އެކީގައި ކުރިއަށް އޮތް މިއޮތް ދުވަސްތަކުގައި ޕައިލެޓް ޕްރޮގްރާމެއް ރާވައި އެކަމަށް މަސައްކަތް ފެށުން މީގެ ބޭނުމަކީ" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ މިފަދަ ރޫޓެއްގެ ބޭނުމަކީ އިންޑިއާގެ ކޮޗިން އާއި ހދ.ކުޅުދުއްފުށި ސިޓީ އާއި ދެމެދު ގާއިމުކުރެވުނު ފަދަ ލިންކެއް ކޮޗިން އާއި އައްޑޫ އަދި އައްޑޫ އިން އީސްޓް އެފްރިކާ ސަރަހައްދުގެ ގައުމަކާއި ދެމެދުވެސް ގާއިމު ކުރުން ކަމަށެވެ.

"އުއްމީދަކީ ވީ އެންމެ އަވަހަކަށް ސީދާ އައްޑޫގެ ސަރަހައްދީ ކަނޑުގެ ބަނދަރަށް ގެންނަ މުދާ ގިނަވެ، އައްޑޫ އިން އިންޑިއާ ނުވަތަ އެފްރިކާ ބައްރާއި ހަމައަށް ވެސް ދިޔުން" ސޯބެ ވިދާޅުވިއެވެ.

އިންޑިއާގެ ކޮޗިން އާއި ހދ.ކުޅުދުއްފުށި އަދި މާލެ އާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާއިރު، އެ ހިދުމަތުގެ ދަށުން ފުރަތަމަ ކާގޯ ފެރީ މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުޅުދުއްޓަށް އައިސްފައެވެ. އަދި ކުޅުދުއްފުއްޓަށް ބާލަންޖެހޭ މުދާތަށް ބޭލުމަށްފަހު އެ ބޯޓު އިއްޔެ ވަނީ މާލެ އަށް ބަނދަރުކޮށްފައެވެ. އެ ބޯޓުން ޖުމްލަ 500 ޓަނުގެ މުދާ ގެނެސްފައެވެ.