Last Updated: April 24, 11:51
Wednesday, April 24, 2024
ޚަބަރު

ޖަޕާނުން ރާއްޖެ އަށްދޭ 47.5 މިލިއަން ޑޮލަރުގެ ލޯނު ހަވާލުކޮށްފި

ފިނޭންސް މިނިސްޓްރީ

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ޖަޕާނުން ރާއްޖެއަށް ދިނުމަށް ނިންމި 47.5 މިލިއަން ޑޮލަރުގެ ލޯނު މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި ލޯނު އެހީގެ ލިޔުމުގައި މިދިޔަ ހަފްތާގައި ދެ ގައުމުން ސޮއިކުރިއިރު މި އެހީގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ. އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.

ޖަޕާނުން ރާއްޖެ އަށް ދިނުމަށް ނިންމާފައިވާ މި ލޯނަކީ 0.01 އިންޓަރެސްޓް ރޭޓުގައި ދީފައިވާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް ވަނީ 15 އަހަރުގެ މުއްދަތެއް ދީފައެވެ.

ކޮވިޑާއި ދެކޮޅަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް ޖަޕާނުން އަންނަނީ ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.

އެގޮތުން ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާގެ އެހީވެސް ރާއްޖެއަށް ދީފައެވެ. އަދި ހަމައެއާއެކު ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީވެސް އެގައުމުން ވަނީ ރާއްޖެއަށް ދީފައެވެ.