Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ހިޔާނާތުގެ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް ނުލިބޭ: އަދުރޭ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ލިބިފައި ނުވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އަދި ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ލިބިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެންނެވެ.

މިއަދު ހަވީރު ބޭއްވި ޖަލްސާއެއްގައި އެކަމަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އަދީބު ދެއްކެވި ވާހަކަތައް އިންސާފުވެރިކަމާއެކު ބަލައިދިނުމަށް އެދޭ ކަމަށާއި ހިޔާނާތުގެ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް ލިބިފައި ނުވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ނެތިން އެކަން ދޮގުކޮށް ބަޔާން ނެރޭކަށް. އެކަމާ ދޭތެރޭ ކަންބޮޑުވާ ބޭފުޅުން ބަޔާންތައް އެބަ ނެރުއްވާ" އަދުރޭ ވިދާޅުވިއެވެ.

އަދީބުގެ ވާހަކަތަކުން އެމްޑީޕީ އާއި އަދާލަތާއި އަދި އެމްއާރްއެމް އަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަން ޔަގީންވާ ކަމަށާއި އެހެންކަމުން މިކަން ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އިތުރުން ފުލުހުންނާއި އޭސީސީ އަދި އިބްރާހިމް މުހައްމަދު ސޯލިހު ވެސް އުޅުއްވަންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭ ވަނީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހާމަކުރާއިރު އިންސާފުވެރިކަމާއެކު އެކަން ކުރުމަށްވެސް އެދިފައެވެ. އެގޮތުން މައާފަށް އެދި ތައުބާ ވުމަކީ ކަމުގެ ހަގީގަތް ހާމަކޮށްދިނުން ކަމަށާއި ސަރުކާރާއެކީގައި ހެދޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރުމަށް ތިމާގެ ހިތުގައި ހަސަދަ އޮތް މީހުންނަށް ހަސަދަ ފިލުވުމާލުމަކީ ތައުބާވުން ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އިއްޔެ ކޯޓުގައި ވާހަކަދައްކަވަމުން އަދީބު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ކުރީގެ ސަރުކާރުން ހިންގި ބޮޑު ސްކީމެއް ކަމަށާއި އެގޮތުން އެ ސްކީމުން ފައިސާ ހޯދައިގެން އޭރުގެ މިނިވަން މުއައްސަސާތަކާއި އޭރުގެ ޖުޑީޝަރީއާއި އޭރުގެ މަޖިލީހުގައި ނެގުނު ވޯޓުތަކުގެ އިތުރުން ވެސް އެހެނިހެން ކަންކަމަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި މި ހިޔާނާތުގެ މުގުލުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެގޮތުން ރަށްތައް ދިނުމުގައި ވެސް އަދި ހިޔާނާތުގެ ފައިސާ ހަރަދުކުރަންވީ ކަންކަމުގެ އިރުޝާދު ވެސް ދެއްވަމުން ގެންދެވީ ޔާމީން ކަމަށްވެސް އަދީބު ވިދާޅުވިއެވެ.