Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

އިންޑިއާގެ ކާގޯ ބޯޓުން ގެނައި ސިމެންތި އެސްޓީއޯ އިން އަގުހެޔޮކޮށްފި

ކުޅުދުއްފުއްޓަށް އައި އިންޑިއާގެ ކާގޯ ބޯޓު

އިންޑިޔާގެ ކޮޗިން ކާ ބޯޓުގައި ކުޅުދުއްފުއްޓަށް ގެނައި ސިމެންތި އަގުހެޔޮކޮށް އެސްޓީއޯއިން ވިއްކަން ފަށައިފި އެވެ.

މި ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ބޯޓުގައި 500 ޓަނުގެ މުދާ ގެނެސްފައިވެއެވެ.

އެގޮތުން އެ ބޯޓުން ގެނައި ރެމްކޯ ސިމެންތި ދިޔަ އަގަށް ވުރެ ކުޑަ އަގެއްގައި އެސްޓީއޯގެ ކުޅުދުއްފުށީ ފިހާރައިން މިހާރު ވަނީ ވިއްކަން ފަށާފައެވެ. އެގޮތުން ކުރިން 106 ރުފިޔާއަށް ވިއްކަމުންދިޔަ ރެމްކޯ ސިމެންތި މިހާރު ވިއްކަމުންދަނީ 90 ރުފިޔާ އަށެވެ.

އެސްޓީއޯއިން ބުނީ ކާގޯފެރީގެ ހިދުމަތް އެންމެ ރަނގަޅަށް ބޭނުންކޮށް، ކުޅުދުއްފުށީ ސަރަހައްދަށް މުދާ ހެޔޮއަގުގައި ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކާގޯފެރީން ތަފާތު އެކި ބާވަތްތަކުގެ މުދާ އެރެކުރުމަށް ނިންމާފައިވާ ކަމަށާ އެކަމުގެ ސަބަބުން ކުޅުދުއްފުށީ ސަރަހައްދުގައި މުދާ އަގުހެޔޮވެގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އިންޑިއާގެ ކާގޯ ބޯޓަކީ 3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ އުޅަނދެކެވެ. މި ބޯޓުން ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު ދެ ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށާއި އަދި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ދެ ގައުމުގެ ސަރުކާރުން ހާމަކުރެއެވެ.