Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި

ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ އަށް މިއައި ކުއްލި ހީނަރުކަމުގެ ސަބަބުން ގައުމަށް ވަންނަ ޑޮލަރު މަދުވުމުން ބޭރުފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރުމަށް އެމްއެމްއޭ އިން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އެގޮތުން ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު ބޭންކުތައް މެދުވެރިކޮށް ދޫކުރަމުންދާ ކަމަށާއި އަދި ބޭރުފައިސާގެ ބާޒާރަށް އޮތް ޕްރެޝަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމަކަށްވާތީ، އަނެއްކާވެސް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް މި ނިންމާފައިވާ ކަމަށެވެ.

މި އަހަރު ނިމެންދެން މި ގޮތަށް އަމަލުކުރަމުން ގެންދިއުމަށް އެމްއެމްއޭ އިން ވަނީ ނިންމާފައެވެ. ކޮވިޑް 19 ގެ ސަބަބުން ދިމާވާ އިގްތިސާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.