Last Updated: March 29, 16:45
Friday, March 29, 2024
ވިޔަފާރި

ބޮޑެތި ވިޔަފާރިތަކަށް 532 މިލިއަން ރުފިޔާގެ ލޯނު ދީފި

ކޮވިޑް19 އާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް ބޮޑެތި ވިޔަފާރިއަކަށް ޖުމްލަ 532 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 573 ވިޔަފާރިއަކުން ވަނީ ހުށަހަޅާފައެވެ. މީގެތެރެއިން 410 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވާއިރު މިހާތަނަށް ލޯނު ދޫކޮށްފައިވަނީ 377 ވިޔަފާރިއަކަށެވެ.

އަދި ރަނގަޅަށް ފުރިހަމަ ނުވާ 135 ފޯމު އޮތްއިރު، ލޯނަށް އެދި ހުށަހެޅި 16 ފޯމެއް ވަނީ ރިޖެކްޓްކޮށްލާފައެވެ. އަދި މިވަގުތު ޕްރޮސެސިން ގައި 12 ފޯމު އެބައޮތް ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް ސަރުކާރުން ވަނީ ތައާރަފުކޮށްފައެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންގ އެކެވެ. މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ 3 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.

މި މުއްދަތުގައި ގައި ވެސް ބޭންކުން ދަނީ ކުރިއެކޭ އެއްގޮތަށް ލޯނާއި ފައިނޭންސިންގ ފެސިލިޓީތައް ދޫކުރަމުންނެވެ. އަދި ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ލޯނު އަދި ފައިނޭންސިންގ ފެސިލިޓީތަކުގެ އިތުރުން ރިކަވަރީ ސްކީމަށް އެދި ހުށަޅޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ޚިދުމަތްތަކަށް ބަދަލުތައް ގެންނަމުންނެވެ. މިގޮތުން، ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް 6 މަސް ދުވަހަށް ފަސްކޮށްދިނުމާއި، ރާއްޖޭ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ވަނީ މަގުފަހިކޮށްދީފައެވެ.