Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ޔާމީނަކީ ހިތްތަކުގެ ރަސްގެފާނު، އަނިޔާ ނުކޮށް ދޫކުރޭ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަކީ ރައްޔިތުންގެ ހިތްތަކުގެ ރަސްގެފާނު ކަމަށާއި، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ގޮވާލައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ވަނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާނޫނާ ހިލާފަށް ކަނޑައަޅާފައެވެ. އެއާއެކު އެމަނިކުފާނުގެ އެކައުންޓްތައް މިހާރު ވަނީ ދޫކޮށްލާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން މިއަދު ކަށަވަރުވެގެންދިޔަ ކަމަކީ ޔާމީންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކަކީ ބާތިލު އަދި ސިޔާސީ ދައުވާތަކެއްކަން ކަމަށާއި މިއީ ނުހައްގުން ޔާމީނަށް އަނިޔާ ދިނުމަށްޓަކާ ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއްކަން ކަމަށެވެ.

އެގޮތުން ޔާމީނަށް ކުރަމުންދާ އަނިޔާތައް ނިމުމަކަށް ގެނެސް، އެމަނިކުފާނު ވަގުތުން މިިނިވަން ކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށާއި ޔާމީން އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީގެ ލީޑަރުގެ އިތުރުން މި ގައުމު މިއަދު ދެކެމުންދާ ތަރައްގީ ހޯއްދަވައި ދެއްވި މި ގައުމުގެ ރައްޔިތުންގެ ހިތްތަކުގެ ރަސްގެފާނު ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މި ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓުވާފާނެތީ ރައީސް ޔާމީން ޖަލުގައި ނުބާއްވާށޭ. ރައްޔިތުން ބޭނުމެއް ނޫނޭ މި ގައުމުގެ މިނިވަންކަން ގެއްލުވާލާކަށް. ރައްޔިތުން ބޭނުމެއް ނޫނޭ ބައެއްގެ އަޅުވެތި ކަމަށް މި ގައުމު ގެންދާކަށް" އަދުރޭ ވިދާޅުވިއެވެ.

ރާއްޖެ މިއަދު އޮތް ހާލަތުން އަރައިގަނެވެން އޮތީ ޔާމީން މިނިވަންވެގެން ކަމަށާއި ކޯޓުގެ ހުކުމުން ޔާމީނަށް މި ސަރުކާރުން އަނިޔާ ކުރާކަން ކަށަވަރުވެފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.