Last Updated: March 29, 10:52
Friday, March 29, 2024
ޚަބަރު

އިންޑިއާއާ ދެކޮޅު ހަރަކާތުގައި އައިސިސްގެ ދިދަ ބޭނުންކުރާތީ ކަންބޮޑުވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުންކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވަނީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާގެ ސިފައިން އެބަތިބި ކަމަށް ތުހުމަތުކޮށް އެ ފަރާތްތައް ރާއްޖެއިން ބޭރު ކުރުމަށް ގޮވާލައެވެ. އެގޮތުން ކަޅު ފޮތިގަނޑެއްގައި "އިންޑިއާ އައުޓް" ޖަހައި ނަގާފައިވާ ދިދަތަކެއް ވެސް މިހާރު ވަނީ ފެންނަން ފަށާފައެވެ.

އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެ ދިދައިގައި މިހާރު އެވާ ލިޔުން އައިސިސް ދިދައިގެ ލިޔުމަށް ބަދަލުކުރުމަށް ރޭވުމަކީ މި ބާވަތުގެ މުއާމަލާތުގެ އާއްމު އުކުޅެއް ކަމަށް މާހިރުން ދެކޭ ކަމަށެވެ. އަދި ދިވެހިން މިކަމަށް ވިސްނުމަށް ވެސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު "އިންޑިއާ އައުޓް" އޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ސެލްތަކުން ކަމަށް އެމަނިކުފާނު މީގެކުރިން ވަނީ ވިދާޅުވެފައެވެ. އަދި ޕީޕީއެމް/ޕީއެންސީން މި ޝިޔާރު ބޭނުން ކުރާނަމަ، އެ ބާރު ދެވެނީ އައިސިސް އިން މި ރާއްޖެ ހިފުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ މަރުކަޒުތައް އަޅަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ މިލިޓަރީ ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް ކަމަށް ވިދާޅުވެފައެވެ.