Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ކޯލިޝަންގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލު ވާންޖެހޭ: ރާއީ

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

ކޯލިޝަންގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލު ވާންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މެމްބަރު ރާއީ މިހެން ވިދާޅުވީ ދެން އޮންނަ ރިއާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ މިހާރު އޮތް ކޯލިޝަނާ އެކުގައިތޯ ނުވަތަ ވަކިންތޯ ވަރަށް އަވަަހަށް ނިންމަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރާއީ ވިދާޅުވީ އެކަމާމެދު އަވަހަށް ގޮތެއް ނިންމުމަކީ މުހިއްމު ކަމެއް ކަމަށާއި، އެމްޑީޕީގެ ސަރުކާރު އާއި އެކު މަސައްކަތް ކުރަން އަދި ޕާޓީގެ މެނިފެސްޓޯ އިހްލާސްތެރި ކަމާއިއެކު ތަންފީޒު ކުރަން ބޭނުންވާނަމަ ކޯލިޝަނުގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލުވާންޖެހޭ ކަމަށެވެ.

ރާއީ މިހެން ވިދާޅުވިއިރު މި ސަރުކާރުގައި އެމްޑީޕީ ފިޔަވައި ދެން ތިއްބެވި ދާއިރާތަކުގެ މަސައްކަތްތައް ހުރީ "އަމާ ބުނީތީ ފަރަށްދާ" ގޮތަށް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ހަބަރު ސިޓީގެ އެންމެ ފަހުގެ އަދަދުގައި ލިޔުއްވާފައިވާ ލިޔުމެއްގައި އާޒިމް ވިދާޅުވީ މިއީ ކޯލިޝަން ސަރުކާރެކޭ ކިތަންމެ ހަރުއަޑުން ބުނި ނަމަވެސް، ހަގީގަތަކީ ރައްޔިތު މީހާ ދެކެނީ މިއީ އެމްޑީޕީގެ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ޖާއިޒު ނޫން ކަމެއް ކުރާ ކޮންމެ ފަހަރަކު އެކަމެއް ކުރީ މިވެނި ޕާޓީއަކަށް ނިސްބަތްވާ ބޭފުޅެކޭ ނުބުނާނެ ކަމަށާއި އެކަމުގެ އިނގިލި ދިއްކުރާނީ ނުވަތަ ބަދުނާމު އަޅުވާނީ އެމްޑީޕީގެ ބޮލުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

އަދި ސަރުކާރުގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ޕާޓީތަކުގެ ވަޒީރުންގެ ނަން ހާމަކޮށް، އާޒިމް ވަނީ އެ ބޭފުޅުން މި ސަރުކާރަކީ ރައްޔިތުންނަށް ކަންކަންކޮށްދޭ ސަރުކާރެއްކަމަށް ދެއްކުމަށް މަސައްކަތް ކުރަންވީ އެއްވެސް ސަބަބެއް އޮތްތޯ ސުވާލު އުފައްދަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

"މި ބޭފުޅުންގެ ދާއިރާތަކުގެ މަސައްކަތްތައް އަމާ ބުނީތީ ފަރަށްދާ އުސޫލުން ނުކުރެއެކޭ އަޅުގަނޑު ނުދަންނަވަން. ސަރުކާރުގެ ބައެއް އޮފީސްތަކާއި ބައެއް ކުންފުނިތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ލަސްތަކެއް އުޅޭ ވާހަކަ މިއީ މިހާރު އަބަދު އިވޭ ވާހަކައެއް" އާޒިމް ވިދާޅުވިއެވެ.