Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އުޝާމްގެ ސުވާލެއް: ހުރިހާ ބާރެއް ލިބިއްޖެ، ދެން އިތުރަށް ބޭނުމީ ކޮންކަމެއް؟

ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް -- ފޮޓޯ / މަޖިލިސް

ހުރިހާ ބާރެއް އެމްޑީޕީ އަށް މިހާރު ލިބިފައިވާ ކަމަށާއި، ކަންކަން ރަނގަޅު ކުރަން ދެން އިތުރަށް ބޭނުންވަނީ ކޮންކަމެއްތޯ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސުވާލު އުފައްދައިފިއެވެ.

އުޝާމް މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓްތައް ފްރީޒްކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

އެގޮތުން ސިރާޖުގެ ޓްވީޓުގައި ވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާއި ފުލުހުން ހޭވި ހަޑީގެ ގެއްލުން ލިބުނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި ޕީިޖީގެ މަގާމުން ބިޝާމް ބަދަލުވެފައިވާ ކަަމަށާއި ދެން އޮތީ ފުލުސް ރިފޯމް އަވަސްކޮށް، އިޖުރާއަތްތަކަށް ފުލުހުން ފަރިތަކުރުވުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖުގެ މި ވާހަކަތަކާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވަނީ ބިޝާމްއާއި ފުލުހުންނާއި ކުރީ ސަރުކާރުގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލައިގެން ކިހާ ދުވަހަކު ތިބެވޭނެތޯ ސުވާލު ކުރައްވާފައެވެ.

"ސަރުކާރު ލިބިއްޖެ. މަޖިލިސް ލިބިއްޖެ. ޖުޑީޝަރީ ލިބިއްޖެ. ކަންކަން ރަނގަޅު ކުރުމަށް ދެން އިތުރަށް ކޮންކަމެއްތޯ ބޭނުންވަނީ؟" އުޝާމް ވިދާޅުވިއެވެ.

ޔާމީންގެ އެކައުންޓު ފްރީޒްކުރި މައްސަލައިގެ ހުކުމް އިއްވަމުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހުސްނުއްސުއޫދު ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ޔާމީން ހުޅުވާފައިވާ 8 އެކައުންޓު ފްރީޒް ކުރަން ދައުލަތުން ހުށަހެޅިއިރު އެ 8 އެކައުންޓުގައި ހުރި ފައިސާ އާއި އޭސީސީން ބީއެމްއެލްގައި ހުޅުވާފައިވާ އެކްސްރޯ އެކައުންޓަކަށް 10 ޖޫން 2018 ގައި ޔާމީންގެ އަމިއްލަ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މުއާމަލާތާއި ގުޅެނީ ކިހިނެތްކަން ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އާއި އެމްއައިބީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ 8 އެކައުންޓުގައި ހުރި ފައިސާއާ ގުޅުމެއް އޮތްކަން ދައުލަތުން ބަޔާންކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޔާމީންގެ އެ 8 އެކައުންޓު ފްރީޒްކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނާއި އެއްގޮތަށް ނޫންކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުމަށް ސުޕްރީމް ކޯޓުން ތާއީދުކުރާ ކަމަށް ސުއޫދު ވިދާޅުވިއެވެ. މި ހުކުމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު ވެސް ތާއީދު ކުރެއްވިއެވެ.

މި މައްސަލަ ޔާމީން އާއި އެއްކޮޅަށް ނިމިފައިވާއިރު، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ޖަލު ހުކުމުގެ އިސްތިއުނާފް ވެސް މިހާރު އޮތީ ހުކުމާ ހަމައަށް އައިސްފައެވެ.