Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިރިއުޅުން ވޭނަކަށްވޭ

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވާހަކަ ދައްކަވަނީ: ފޮޓޯ--ޕޮލިސް

އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިރިއުޅުން ވޭނަކަށްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލައްކަ ދުވަހު އުޒުރު ދެއްކިއްޖެ ކަމަށާއި ދިވެހިންނަށް ދެ ފިކުރުގެ ތަފާތު މިހާރު ސާފުވެފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭ ގޮތުން މިނިވަންކަން ގެއްލި، ދަރަނި ބޮޑުވެ، ދިރިއުޅުން ވޭނަކަށްވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

"ދިވެހިންނަށް ރަނގަޅީ ބްރިޖު އަޅާ، ތަރައްގީކޮށް، ބައެއްގެ ފައިބުނޑަށް ނުވެއްޓުން" ޖަމީލު ވިދާޅުވިއެވެ.

ނަމަވެސް މިއަދު ވެރިކަމުގައި ތިބީ ކޮންމެ ގޮތެއް ވަރިހަމަ ބައެއް ކަމަށާއި، މި ވެރިކަން ނިމޭއިރު ދިވެހިންގެ ހާލަތު މިއިން ދުވަހަކު ދަށަށް ނުދާ ވަރަށް ދަށަށް ގޮސް، އެތައް ބަޔަކު ހާލުގައި ޖެހޭނެ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. ނަމަވެސް އެ ހާލަތު ބަދަލުކުރެވޭނެ ކަމަށާއި އެއީ ރައްޔިތުންގެ ބާރު ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"ވަކި ބަޔަކަށް، ފަރުދަކަށް ވުރެ ގައުމު ބޮޑުވާނެ" ޖަމީލު ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ ޖަމީލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ވެސް ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެގޮތުން އޭރުގެ ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ރައްޔިތުންނާއި ހަމައަށް ޖަމީލު ވަނީ ވަރަށް ސާފުކޮށް ތިލަކޮށްދެއްވާފައެވެ.

ނަމަވެސް މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކު ޖަމީލު ވަނީ އޭރު އޭނާ ހުންނެވި ޖުމްހޫރީ ޕާޓީން ވެސް ދުރަށް ޖެހިވަޑައިގެން މި ސަރުކާރަށް ފާޑު ވިދާޅުވާން ފައްޓަވާފައެވެ. އަދި މިހާރުގެ އިދިކޮޅު ފަރާތްތަކާއެކު ޖަމީލު މަސައްކަތް ކުރައްވަން ފެއްޓެވިއިރު، ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް އެންމެ އިސްކޮށް ހުންނަވަނީ ޖަމީލުއެވެ.