Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ނިޒާރު، ޖަމީލަށް: ރަށަށް ދުރުވެ ދަނޑުވެރިކަން ކުރައްވާ

ނިކަމެތި ހާލުގައި ހުންނެވުމުގެ ބަދަލުގައި ރަށަށް ވަޑައިގެން ދަނޑުވެރިކަން ކުރެއްވުމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވަން ޓިކެޓް ކަށަވަރުކުރައްވާފައިވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިރިއުޅުން ވޭނަކަށްވާ ކަމަށް ޖަމީލު މިއަދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ނިޒާރު ވިދާޅުވީ އެމްޑީޕީގައި ހުންނެވިނަމަ ޖަމީލަށް ވަޒީފާއެއް ލިބޭނެ ކަމަށާއި ނިކަމެތި ހާލުގައި ނުހުންނަވާ ރަށަށް ދުރުވެ ދަނޑުވެރިކަން ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ވެސް މި ކުރަނީ އެ މަސައްކަތް" ޖަމީލު ޓެގް ކުރައްވައި ނިޒާރު ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ ޖަމީލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ވެސް ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެގޮތުން އޭރުގެ ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ރައްޔިތުންނާއި ހަމައަށް ޖަމީލު ވަނީ ވަރަށް ސާފުކޮށް ތިލަކޮށްދެއްވާފައެވެ.

ނަމަވެސް މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކު ޖަމީލު ވަނީ އޭރު އޭނާ ހުންނެވި ޖުމްހޫރީ ޕާޓީން ވެސް ދުރަށް ޖެހިވަޑައިގެން މި ސަރުކާރަށް ފާޑު ވިދާޅުވާން ފައްޓަވާފައެވެ. އަދި މިހާރުގެ އިދިކޮޅު ފަރާތްތަކާއެކު ޖަމީލު މަސައްކަތް ކުރައްވަން ފެއްޓެވިއިރު ދާދިފަހުން އޭނާ ވަނީ އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

އަދި ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް އެންމެ އިސްކޮށް މިހާރު ހުންނަވަނީ ޖަމީލުއެވެ.